
ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށް ޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ދެއްވި ހިތާބުގައެވެ.
"ކޫލް ސްކޫލް" ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ މި މަސައްކަތަކީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ޓަކައި ގެންނަން ރާވާފައިވާ ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ. މިނިސްޓަރު ވިދާޅުވީ ތައުލީމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ޓަކައި ރާވާފައިވާ ބައެއް ކަންކަން ނިމިދިޔަ އަހަރު ފަށައިގެން ކުރިއަށް ގެންދާއިރު މި އަހަރުގެ ތެރޭގައި އިތުރު މުހިންމު ކަންތައްތައް ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށެވެ. އަދި މާއްދާތަކުގެ މުގައްރަރު އަލުން މުރާޖާކޮށް ކޮންމެހެން ގެންނަން ޖެހޭނެ ބަދަލުތައް ގެންނަވާނެ ކަމަށާއި ދަރިވަރުންގެ ފެންވަރު ބައިނަލްއަގުވާމީ ލެވަލްގައި ބެންޗު މާކު ކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ޝަފީއު ވިދާޅުވީ ދަރިވަރުންގެ އުނގެނުމުގެ ކަންކަމުގައި ސްކޫލާއި ބެލެނިވެރިންނާ ދެމެދު ގާތްގުޅުމެއް އޮންނަން ޖެހޭކަމާއި ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން އިހުތިރާމާއެކު މުއާމަލާތުކޮށް މައުލޫމާތު ބަދަލު ކުރަން ޖެހޭ ކަމަށެވެ.