
މާލޭގެ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި، އަނިޔާކުރި މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުން، ކޯޓުން މިއަދު ދޫކޮށްލީ އެ ހަތަރު މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން ދައުލަތުން އެދިފައިވަނިކޮށެވެ. މި ހަތަރު މީހުންވެސް ދޫކޮށްލީ، އެ މީހުންގެ ބަންދު މުއްދަތު އިތުރުކުރަން މިއަދު ކޯޓަށް ހާޒިރު ކުރުމުން، ގާޒީ އިބްރާހިމް އިހްސާންއެވެ.
މާލޭގެ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި، އަނިޔާކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން
އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ
މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ
އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ
މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް
އެ ހަތަރު މީހުން މިއަދު ދޫކޮށްލިއިރު، ހުށަހަޅާފައިވާ މައްސަލައިގެ ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ގާޒީވަނީ ވިދާޅުވެފައެވެ.
މި ގްރޫޕުން ގޭގެ ވެރި މީހާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. ގޭގެ ވެރިމީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އެކަކު ހިފަހައްޓައިގެން ހުންނައިރު އިތުރު މީހަކު ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާތަން އެ ވީޑިއޯ އިން ފެނެ އެވެ. އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން ޖަހަން ވެސް އުޅެ އެވެ.
އެކަމަކު އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި އެ ގެއަށް ދިޔައީ އެ ގެ ސާފު ކުރަން ކަމަށް އެ ގްރޫޕުންވަނީ ބުނެފައެވެ. މި ގްރޫޕުގެ ބަންދު އަމުރު ރިޕޯޓުގައި އެ މީހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ މީހުން އެ ތަނަށް ދިޔައީ އެއީ ރައްޓެއްސަކު ހިފާފައިވާ ތަނަކަށްވާތީ އެތަން ސާފުކޮށްދިނުމަށް ކަމަށެވެ. އެތަނަށް ދިޔައީ ފައިސާ ލިބޭގޮތަށް އެތަން ސާފު ކުރަން ކަމަށާއި އެއްވެސް އެއްޗަކަށްވެސް ގެއްލުން ދީފައިނުވާނެ ކަމަށް އެ މީހުންނާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައިވެ އެވެ.