
އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް (ޕޮކަންޑި) ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އިތުރުކުރި ލިފްޓުތަކާއެކު، ލިފްޓު މަދުވެ ގިނަ އިރުތަކެއް ވަންދެން ލިފްޓުތަކުގެ އިންތިޒާރުގައި ތިބެންޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް 18 ގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާއެވެ. އެޗްޑީސީން ނިންމާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރިހާ ލިފްޓެއްގެ މަސައްކަތް ނިންމުމަށެވެ. އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެފައިވެއެވެ.
ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރަށް ހަރުކުރާ އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަނެއް ލިފްޓަކީ ގާތްގަނޑަކަށް އެއްފަހަރާ 14 މީހުންނަށް އެރެވޭނެ ކެޕޭސިޓީގެ ލިފްޓެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެއެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތިވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ފެށުނީއްސުރެ ބޮޑެވެ. އެހެންވެ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ހިޔާ ފްލެޓުގެ މީހުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ ވައުދެވެ.