
މި ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވަމުންދާ ދަތިތަކާއި، ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ހުރި ދަތިތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިއުމުގައި ހުރި ދަތިތައް ހިއްސާކުރައްވާފައެވެ.
މިކަންކަމަށް ހައްލު ގެނައުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ކެނެޑާގެ ހައި ކޮމިޝަނަރާއި ޓީމުން ލަފާދެއްވާފައިވާކަމަށް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ބުންޏެވެ. އެގޮތުން ރިސޯޓްތަކާއި ގާތް ގުޅުމެއް އުފައްދައި ދަނޑުވެރިކަމުގެ އުފެއްދުންތައް ރިސޯޓްތަކަށް ސަޕްލައިކުރެވިދާނެކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ވަކި މިންގަނޑުތަކެއް ކަނޑައެޅިދާނެކަމަށާއި، މީގެ ސަބަބުން ތަކެތި އުފައްދާ ފަރާތްތަކަށް ޔަގީންކަން އިތުރުވެ މާކެޓްކުރުމަށް ފަސޭހަވެގެންދާނެކަމަށް ވަނީ ބުނެފައެވެ.
ހަމައެހެންމެ ރާއްޖޭގެ ތިމާވެއްޓާ ގުޅޭނެފަދަ ދަނޑުވެރިކަމުގެ ބާވަތްތައް ތައާރަފްކުރުމަކީ މުހިންމު ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހައިޑްރޯޕޮނިކްސް ފަދަ ބާވަތްތައް ތަޢާރަފްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވާކަމަށް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ބުނެފައިވެއެވެ. މިފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކެނެޑާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.