
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި މި މަސައްކަތް ފެށުމަށް އެޖެންޑާކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަނީ ރާއްޖެ ޓީވީ މެދުވެރިކުރައްވައި ހާމަކުރައްވަފައެވެ.
ހޮނިހިރު ދުވަހުގެ ޖަލްސާގައި ކޮންގްރެސް ބޭއްވުމުގެ މަސައްކަތުގައި އުޅޭނެ ޓީމެއް އެކުލަވާލައި، ކޮންގްރެސް ބާއްވާނެ ތަނެއް ނިންމުން ފަދަ މަޝްވަރާތަކެއް ކުރެވޭނެ ކަމަށް އިބުރޭ ވިދާޅުވިއެވެ. އަދި ކޮންގްރެސް ބާއްވާނެ ތާރީހެއް އެ ޖަލްސާގެ ދެތިން ހަފުތާ ފަހުން އިތުރު ޖަލްސާއެއްގައި ނިންމޭނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ޕާޓީގެ ޗެއާޕާސަން މީގެ ކުރިން ވެސް ކޮންގްރެސް އަވަސްކުރުމަށް ވިދާޅުވި ގޮތުގެ މަތިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އިބުރޭ ވިދާޅުވެފައިވެއެވެ.
އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބޭއްވީ އޯގަސްޓު 2022 ގައެވެ. އެއީ ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސިޔާސީ ގޮތުން ޖެހިފައި އޮތް މައްސަލަތައް ހުޅުފަޅައިގެންދިޔަ ހަރަކާތަކަށް ވިއެވެ. ނަޝީދު ވަނީ އެޕްރީލް 5 ގައި މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ވިދާޅުވެފައެވެ. މިއާއެކު ނަޝީދު އެމްޑީޕީއަށް އެނބުރި ގުޅުމުގެ ފުރުސަތު އޮތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އާންމު އުސޫލުގެ ދަށުން ކޮންގްރެސް އޮންނާނީ ކޮންމެ ފަސް އަހަރަކުންނެވެ. ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމުގެ ފުރުސަތު އޮވެއެވެ.