
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި ނާޒިމް ވަނީ ގޭސް ނުލިބި މޯލްޑިވް ގޭހުން 4 މިލިއަނެއްހާ ރުފިޔާ ގެއްލުނު މައްސަލައެއް ފެންމަތިވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ރާއްޖެއަށް ގޭސް އެތެރެކުރަން މޯލްޑިވް ގޭހުން ބޭރު ކުންފުންޏަކަށް އެޑްވާންސަށް ފައިސާ ދެއްކުމުން ގޭސް ނުލިބި އެ ފައިސާ ގެއްލިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިކަން ހިނގާފައިވަނީ މިިދިޔަ އޮކްޓޫބަރު މަހުކަމަށާއި ގޭސް ނުލިބުތާ ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ އެކުންފުންޏަށް މިހާތަނަށް ލިބިފައި ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ފަހު ނާޒިމް ވަނީ އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އެސްޓީއޯއިން ފިޔަވަޅު އަޅާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ގޭހަށް އޯޑަރުކޮށް، ދައްކަން ޖެހޭ ފައިސާއާ ގުޅޭ މުއާމަލާތުތައް ދެން އެސްޓީއޯގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
މޯލްޑިވް ގޭހުން އެހާ ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލަ މާލިއްޔަތު ކޮމެޓީން ބަލާނެކަމަށާއި އެ ކުންފުނީގެ ވެރިން ކޮމެޓީއަށް ހާޒިރުކުރާނެކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ އެޑްވާންސް ފައިސާ ދެއްކީ އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުންޏަށް ނޫންކަމަށެވެ. އަދި ކުރީގެ ކުންފުނި ބަދަލުކުރީ ސަބަބު މޯލްޑިވް ގޭހުގެ އިސްވެރިންނަށް ސާފުނުކޮށް ނުދެވުނުކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.