
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު އަޒާން ވިދާޅުވެފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ބަޑިބޭހުގެ ކުޅިވަރުތަކާއެކު ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއު އަލުން އިއުލާންކުރިތާ އަހަރެއްހާ ދުވަސް ވެގެން ގޮސްފައިވާއިރު، އެ ސަރަހައްދުގައި ހުރި ބައެއް ރުއްގަސް ނެގުން ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
މި މަޝްރޫއަކީ މިދިޔަ ސަރުކާރުގެ ތެރޭގައި ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެހެންނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އަލުން އިއުލާންކުރި ނަމަވެސް، މަސައްކަތް ކުރިއަށް ނުދާތީ އައްޑޫ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް މެންބަރު އަޒާން ވިދާޅުވިއެވެ. އެހެންކަމުން، ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބުތަކަކީ އައްޑޫގެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވެ، އެމްއެފްއެމްސީގެ ބޭފުޅުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.
ހަންކެޑެ ތަރައްގީ ކުރުމަށް މީގެ ކުރިން ތިން ކުންފުންޏަކާ އެކިއެކި ސަރުކާރުތަކުން ހަވާލުކޮށްފައިވެއެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. މީގެ 18 އަހަރު ކުރިން އެ މަސައްކަތް ހަވާލުކުރީ 18 މަސް ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، އެ ކުންފުންޏަށް އެކަން ނުވުމުން 2,500 ޑޮލަރުން ޖޫރިމަނާކޮށް، ތޫނޑު އަތުން ސަރުކާރަށް ހަންކެޑެ ނެގިއެވެ. އޭގެ ފަހުން 2008 ގައި ހަންކެޑެގެ މަސައްކަތް ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. އަދި އޭގެފަހުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަވާލުކުރި ނަމަވެސް، މި ތިން ކުންފުންޏަށްވެސް މަޝްރޫއު ފުރިހަމަކުރެވިފައެއް ނުވެއެވެ.