
ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މި ގަވާއިދު 90 ދުވަހުގެ ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށާއި، އޭގެ ފަހުން ވެހިކަލް އެތެރެކުރެވޭނީ ހުއްދަ ނަގައިގެން ކަމަށެވެ.
މިނިސްޓަރު ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވިދާޅުވީ، އަމިއްލަ ބޭނުމަށް ވިޔަސް އަދި ވިޔަފާރި ބޭނުމަށް ވިޔަސް ވެހިކަލް އެތެރެކުރާ ހުރިހާ ފަރާތްތަކުން ވެހިކަލް ރަޖިސްޓަރީކުރަން ޖެހޭ ތަނެއް ނުވަތަ ގަރާޖެއް ރަޖިސްޓަރީކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ.
މި އާ ގަވާއިދު ކުރިއަށް އޮތް 2 ނުވަތަ 3 ދުވަހުގެ ތެރޭގައި ގެޒެޓްކުރެވޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. މާލޭގައި ވެހިކަލް ގިނަވުމުގެ ސަބަބުން ޕާކިންގ ދަތިކަން އިތުރުވެފައިވާއިރު، ނުދުއްވާ ވެހިކަލްތައް މަގުމަތީގައި ޕާކުކޮށްފައި ބެހެއްޓުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް މި ގަވާއިދު މުހިންމުވާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.