
މީގެ ހަފްތާއެއްގެ ކުރިން ގެއްލުނު މުޝްފިގު މައްޗަށް މިއަދު ހުކުރު ނަމާދަށްފަހު އޭނާގެ އުފަން ރަށް މާވަށުގައި ކަށު ނަމާދުކުރަން ނިންމިއެވެ. ކައުންސިލުން އެގޮތަށް ނިންމާފައިވަނީ 25 އަހަރުގެ ޒުވާނާގެ މަރުވީކަމަށް ބަލާ އޭނާގެ އާއިލާގެ އެދުމެގެ މަތިންނެވެ. އެހެންމަވެސް އެކަމުގައި ދީނުގައި އޮންނަ އުސޫލޫތައް އިސްލާމިކް މިނިސްޓަރު ޝަހީމް ރޭ ހާމަކުރުމުން މިއަދު ކަށު ނަމާދު ބާއްވާފައެއް ނުވެއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މުޝްފިގު އާއިލާ އާ ވާހަކަ ދައްކާ މިއަދު ކަށު ނަމާދު ނުކުރަން ނިންމިކަމަށެވެ. އަދި މުޝްފިގު މަރު އަންނަ ހުކުރުގެ ކުރިން ސާބިތުކުރަން ނިންމާފައިވާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މުޝްފިޤުގެ ކަށު ނަމާދު ބާއްވާނީ އިސްލާމީ މަރުކަޒުގައިކަމަށްވެެސް ޝަހީމް ވިދާޅުވިއެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާއަދާ ކުރާ އަދި ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންދިޔަ މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ތ. އަތޮޅު އަދި ލ. އަތޮޅުން މުދާ ހިފައިގެން ދަތުރުކުރި ބޯޓުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ރޯވިއިރު 18 މީހުން އެ ބޯޓުގައި ތިއްބެވެ. އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށެވެ