
މިއީ، ހދ. ކުޅުދުއްފުށްޓަށް ޑްރަގު އެތެރެކުރަން އުޅުނު މުލީ މީހަކު އުމުރަށް ޖަލަށްލާން ކުޅުދުއްފުށީ ކޯޓުން މިދިޔަ ހަފްތާގައި ހުކުމްކުރި މައްސަލައެކެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ، 2022 ވަނަ އަހަރުގެ ތެރޭގައި ކުޅުދުއްފުށްޓަށް ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަން ފުލުހުންނަށް އެނގުނީ ލިބުނު އިންޓެލް މައުލޫމާތަކުންނެވެ. ފުލުހުންނަށް ލިބުނު މައުލޫމާތާއެކު ބޯޓު ލެފިތަނުން، މަސްތުވާތަކެތި ހުރި ފޮށިގަނޑު ބަލާ ގޮސް ހުރި މީހާ ހައްޔަރު ކުރީ، އޭނާ ފޮށިގަނޑު ހިފައިގެން ދާން އުޅެނިކޮށެވެ.
ފަހުން އެނގުނު ގޮތުގައި އެ ފޮށިގަނޑަކީ މި މައްސަލައިގައި އުމުރަށް ޖަލަށްލާން ހުކުމް ކުރި މީހާގެ އަނބިމީހާ ބުނެގެން ބޯޓުން ނެގި ފޮށިގަނޑެކެވެ. އެ ފޮށިގަނޑުގައި ގަސް ޕޮޓެއްގައި ގަހެއް އިންދާފައިވާއިރު، އެ ޕޮޓް ތެރޭގައި މަސްތުވާތަކެތި ހުރީ ރަބަރު ޕެކެޓަކަށްލައި ވަޅުލާފައެވެ.
މި މައްސަލައިގެ ޝަރީއަތުގައި އެ މަސްތުވާތަކެއްޗަށް އެ މީހާ އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވީއެވެ. މައްސަލަ ސާބިތުވުމުން، އެ ފިރިހެން މީހާގެ މައްޗަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.