ads
މުންދުއަށް ފަތްކޮޅުއެރުވުން
އައިރީނާއަށް ރާއްޖެއިން ކަނޑައެޅި ދާއިމީ މަންދޫބުގެ ފަތްކޮޅު އަރުވައިފި
އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ރާއްޖެއިން ކަނޑައެޅި ދާއިމީ މަންދޫބުގެ ފަތްކޮޅު އެ ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ފްރެންސެސްކޯ ލަ ކަމޭރާއަށް އަރުވައިފިއެވެ.
Advertisement

ރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ ޔޫއޭއީގެ އަބޫދާބީގައި ހުންނަ އައިރީނާގެ މައި މަރުކަޒުގައެވެ.

މަގާމުގެ ލިޔުން ހަވާލުކުރުމަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ ސިނާއަތް ކުރިއަރުވާ ތަރައްގީކުރުމަށް އައިރީނާއިން އިސްނަގައިގެން ކުރާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މި ދާއިރާ އިތުރަށް ކުރިއަރުވާ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި އެ ޖަމްއިއްޔާގެ ފަރާތުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު ދަންނަވާފައިވެއެވެ. އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ދާއިރާއެއްކަން ފާހަގަކުރައްވާ، މި ދާއިރާއިން ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އައިރީނާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ސަފީރު ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމުގައި އައިރީނާގެ ޑިރެކްޓާ ޖެނެރަލް ވަނީ ރާއްޖެއިން އެ ޖަމްއިއްޔާއަށް ކަނޑައެޅުއްވި އާ ދާއިމީ މަންދޫބަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައެވެ. އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެ ޖަމްއިއްޔާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން އެގޮތުގައި ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ، އައިރީނާ އުފައްދާފައިވަނީ 2009 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް