
ފަނޑިޔާރު މަހާޒު ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އަށް ކަމަށާއި ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އަށް ކަމަށް މައުލޫމާތު ލިބެއެވެ.
ޖޭއެސްސީން މި ދެ ފަނޑިޔާރުންނަށް ކުރާ ތުހުމަތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރުދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެކެވެ. މީގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި މަހާޒާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ ވެސް ޖޭއެސްސީން ބަލަމުން ގެންދެއެވެ.
ޖޭއެސްސީ ގަވާއިދުގައިވާ ގޮތުން، ފަނޑިޔާރުންގެ މައްސަލަތަކާ ގުޅިގެން ތަހުގީގު ރިޕޯޓެއް އެކުލަވާލައި ފަނޑިޔާރުންނަށް ހިއްސާކުރުމަށްފަހު، އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ހަތް ދުވަސް ދިނުމަށް ފަހު، ފަހުގެ އަޑުއެހުމެއް ބާއްވަން ޖެހެއެވެ. މާދަމާ ބާއްވާ އަޑުއެހުމަކީ މި ދެ ފަނޑިޔާރުން ޖަވާބުދާރީވުމަށްފަހު ބާއްވާ ފަހު އަޑުއެހުމެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި ދެ ފަނޑިޔާރުންނާއި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރެވުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމެވެ. ނަމަވެސް، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ފަހުން ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފައެވެ.