
އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މާޗް މަހު ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. މިއީ ފެބްރުއަރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. ފެބްރުއަރީ މަހު ރަސްމީ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ.
ރަސްމީ ރިޒާވްގެ އިތުރުން، ޔޫޒަބަލް ރިޒާވްވެސް މާޗް މަހު 4 ޕަސަންޓު ދަށަށް ގޮސްފައިވެއެވެ. މާޗް މަހު ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 163 މިލިއަން ޑޮލަރެވެ. އެއީ ފެބްރުއަރީ މަހު ހުރި 179 މިލިއަން ޑޮލަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް އަޑިއަށް ހިނގައިދިޔަ އަހަރެވެ. 2022 ވަނަ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 75 މިލިއަން ޑޮލަރުގައެވެ.
ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު، ރަނގަޅުވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުން ކުރަން ފެށުމުންނެވެ. ކަރެންސީ ސްވޮޕްގެ ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ވަނީ ރާއްޖޭގެ ބޭންކުތަކަށް އިންވެސްޓްކޮށްފައެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ އެގޮތަށް ބޭނުންކުރި ފުރަތަމަ ފަހަރެވެ. ކަރެންސީ ސްވޮޕާ އެކު، މިދިޔަ ތިން މަހު ރިޒާވްވެސް ވަނީ 700 މިލިއަން ޑޮލަރަށްވުރެ މަތީގައެވެ.