
މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާ ފިޔަވަޅެކެވެ.
ހޯމް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ހާއްސަ އޮޕަރޭޝަނެއް މިހާރު ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުން ނިސްބަތްވާ ގައުމުތަކަށް ޑީޕޯޓުކޮށްފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.