
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މީގެ ކުރިން ބިދޭސީންގެ އަތުގައި އޮންނަ ބޭރު ގައުމެއްގެ ލައިސަންސަށް ހުއްދަ ދެމުންދިޔައީ ލުއި އުސޫލެއްގެ ދަށުންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ފަހުން ބިދޭސީން އަތުގައި އޮންނަ ލައިސަންސަށް ރާއްޖޭގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ އެމީހާގެ އަތުގައި އޭރު އޮތް އެ ގައުމެއްގެ ލައިސެންސްގައި އޮންނަ މުއްދަތަށްކަމަށެވެ. އަދި އެމީހުންގެ ލައިސަންސަށް ހުއްދަ ދޭނީ އާންމު އުސޫލުން ލައިސެންސް ހޯދަން އޮންނަ ޑްރައިވިން އެސެސްމަންޓް ފުރިހަމަ ކުރުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ކުރިން ބިދޭސީ މީހާގެ އަތުގައި އޮތް ލައިސެންސްގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ދިވެހި ލައިސެންސް ދޫކުރަމުން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި ދަތުރުކުރަން އޮންނަނީ ކުދި ގޯޅިތަކެއްކަމަށާއި، ބޭރު ގައުމުތަކުގައި ދުއްވާއިރު ވިސްނަން ޖެހޭ އުކުޅުތަކާ ތަފާތު ވެދާނެކަމަށެވެ. މިދިޔަ ސަރުކާރުން ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ނިންމާފައެވެ. އެގޮތުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ނިންމި ލިސްޓުގައި 20 އަށްވުރެ ގިނަ ގައުމެއް ހިމަނާފައި އޮތެވެ.