
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
ރައްޔިތުންނާއި އެކު ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިޔަށް ގެންދަވާ ޕޮޑްކާސްޓްގައި އެމަނިކުފާނު ވިދާޅުވީ އަތޮޅުތަކަށް ކުރައްވާ ދަތުރުގައި ދެން އެންމެ އަވަހަށް ވަޑައިގަންނަވާނީ މ. މުއްޔަށްކަމަށެވެ. އަދީ އެއީ އެރަށުގައި ތަރައްގީކުރި އެއާޕޯޓް ހުޅުވާ ދިނުމަށް ކުރާ ދަތުރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މ މުލީގައި އެއާޕޯޓް ތަރައްގީކުރަން ނިންމާ އެ މަސައްކަތް ފެށީ މިދިޔަ ވެރިކަމުގައި 2021 ވަނައަހަރުއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 221.7 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.