ads
މަހާޒް އަދި އަޒްމިރަލްދާ
މަހާޒްއާއި އަޒްމިރަލްދާގެ މައްސަލައިގެ އަޑުއެހުންތައް ޖޭއެސްސީން ނިންމާލައިފި
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައިގެ ފަހުގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
Advertisement

މި ދެ ފަނޑިޔާރުންގެ މައްސަލަތައް ބެލީ ވަކިވަކިންނެވެ. މަހާޒްގެ މައްސަލައިގެ އަޑުއެހުން ބޭއްވީ މިއަދު ހެނދުނު 9:00 ގައެވެ. އަދި އަޒްމިރަލްދާގެ މައްސަލައިގެ އަޑުއެހުން ބޭއްވީ ހެނދުނު 10:00 ގައެވެ.

ދެ ފަނޑިޔާރުންނަށްވެސް ތުހުމަތު ކުރެވެނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ މި މައްސަލައަށް މަހާޒްއާއި އަޒްމިރަލްދާ ވަނީ އިންކާރުކޮށްފައެވެ. ޖޭއެސްސީން މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓަށް ޖަވާބުދިނުމަށް ދިން މުއްދަތުގެ ތެރޭގައި ދެ ފަނޑިޔާރުންވެސް ވަނީ ޖަވާބުދާރީވެފައެވެ.

ފަނޑިޔާރުންގެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން އެކުލަވާލާ ރިޕޯޓަށް ޖަވާބުދިނުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ޖޭއެސްސީގެ ގަވައިދު ލާޒިމުކުރެއެވެ. އަދި އޭގެފަހުން މައްސަލައިގައި ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވަންޖެހެއެވެ. މަހާޒްއާއި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ކުރިން ހުންނެވި ހުސްނުއްސުއޫދުގެ މައްސަލަ ވެސް ޖޭއެސްސީން ބަލަން ފެށިއެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމުން ސުއޫދު ވަނީ ފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް