
ނާޒިމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި އާބިޓްރޭޝަންގެ ތެރެއިން ދުބާއީ ކުންފުންޏާއި ވާހަކަ ދައްކައިގެން އެދެވޭ ހައްލެއް ލިބިފައިނުވާއިރު، މިހާތަނަށް އައިއިރު ކުންފުނީގެ ވެރިޔާވެސް ނުހޯދުނު ކަމަށެވެ. އެހެންކަމުން އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެގެން ކުންފުނީގެ ވެރިޔާ ހޯދައި، އެ ފައިސާއަށް ވީ ގޮތެއް ހޯދަން މަސައްކަތްކުރުމަށް މިހާރު ފުލުހުންގެ ގާތުގައި އެދިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. ކުންފުނީގެ ވެރިޔާ ހޯދިއްޖެނަމަ، އެ ފައިސާއިން ކުރި ކަންކަން އޮޅުންފިލުވައި، ރިޝްވަތުގެ ގޮތުގައި އިތުރު ބަޔަކަށް ފައިސާ ދިންކަން ނުވަތަ ނޫންކަން ވެސް ސާފުކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ވެންޓިލޭޓަރު ތަކުގެ މައްސަލައާއި ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވިއެވެ. އަމީން އިސްތިއުފާ ދެއްވީ މަޖިލީހަށް އޭނާގެ އިތުބާރު ނެތްކަމަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށެވެ. އަމީންގެ އިތުރުން އެމްޑީޕީ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުގެ މައްޗަށް ވެންޓިލޭޓަރުގެ ހިޔާނާތުގެ ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހިމެނިވަޑައިގަންނަވައެވެ. ވެންޓިލޭޓަރުތަކަށް ވީގޮތް ބެލުމަށް ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުންނާއި މިސަރުކާރަށް ތާއީދު ކުރާ ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.