
މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކަނޑައަޅާފައި އޮތް ތާރީޚަށް ހިދުމަތް ފެށުމަށް ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން، ހިދުމަތް ދޭން ޕްރޮޕޯޒަލް ހުށަހަޅަން، ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރުއެފްޕީ) ހުޅުވާލުމުން ގިނަ ބަޔަކު ޕްރޮޕޯޒަލް ހުށަހެޅި ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ބޮޑު އިންވެސްޓުމަންޓަކާ ބަލާއިރު، އާރްއެފްޕީގައި ކަނޑައަޅާފައި ހުރި މިންގަނޑުތަކާ ނުބައްދަލު ކަމަށާއި އާރްއެފްޕީއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަމަށް ފާހަގަކުރެއްވިއެވެ. "އެހެންނޫނިއްޔާ ވާގޮތަކީ މިހާރު ވަރަށް އޯޕަން ބިޑިން ސިސްޓަމެއްގައި ގެންދާ ކަމެއްވީމައި ޑަންލާފައި އާރްއެފްޕީގައި ވަކި ރިކުއާމަންޓްސްތަކަށް ބަދަލެއް ނުގެނެވޭނެ. ގާނޫނުގައި އޮންނަ ގޮތުން އަޅުގަނޑު މި ދަންނަވަނީ. މިކަމަށް ޝައުގު ވެސް އެބަ ހުރި. އެހެން ނަމަވެސް، އަޅުގަނޑުމެން މިކަން ކުރަން އުޅުނު ގޮތަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދާތީ ކޮންމެސް ވަރަކަށް ލަސްތަކެއް ވަމުން ދަނީ" މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ، ރާއްޖޭގައި ޓޫރިސްޓުން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ހިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލިއެވެ. އަދި މިދިޔަ ނޮވެންބަރު 27ގައި މިނިސްޓަރު ވަނީ، ރާއްޖޭގައި މާޗު މަހު ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނީ އެއް ރަށުން އަނެއް ރަށަށް ނުވަތަ ރަށަކުން މާލެއަށް ބަލި މީހުން ގެނައުމުގެ ކަންކަމާއި ރޭގަނޑު ޓޫރިސްޓުން އުފުލުމަށް ހުރި ދަތިތަކަށް ވެސް ހައްލެއް ލިބޭ ގޮތަށެވެ. އެކަމަކު، އެ ބަދަލުތަކަށް ފަހުގައި، ހިދުމަތް ފެށޭނެ ތާރީހެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.