
މި މައްސަލަ މަޖިލިހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމްއެވެ. އެ މައްސަލަ މަޖިލިހަށް ބަލައިގަތުމަށް މަޖިލީހުގައި ވޯޓަށް އެހުމުން 44 މެމްބަރުން ވޯޓް ދެއްވީ އެ މައްސަލަ ބޭރުކޮށްލާށެވެ. މައްސަލަ ބަލައިގަނެ ބަހުސްކުރަން ވޯޓް ދެއްވީ 12 މެމްބަރުންނެވެ.
މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަން ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ހާއްސަ ރައްކާތެރިކަމާއި، މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން ނުދޭތީ އެ ކުދިންގެ އާއިލާތަކުން އަމިއްލައަށް އެ ފައިސާ ޚަރަދުކުރަންޖެހޭކަމަށެވެ. އަދި ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވެ ތެރަޕީގެ އަގު ބޮޑުވަމުންދާކަންވެސް އެ މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން އެކަށީގެންވާ އަދަދަށް ތެރަޕިސްޓުން ނެތުމުން އެ ކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވުމާއި އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ނުލިބޭކަންވެސް މި މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.