ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލަ ތަހުގީގު ހުއްޓުމަކަށް
ސައުތް ސެންޓްރަލް ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައިގެ ތަހުގީގު ހެކި ނެތުމުގެ ސަބަބުން ކުރިއަށް ނުދާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.
Advertisement

މި މައްސަލައިގައި ކުއްޖާއަށް ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތުކޮށް 2022 ޖެނުއަރީ 22 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގުގައި ތުހުމަތުކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަހުލީލުތައް ކޮށްފައިވެ އެވެ. އަދި 6 މީހެއްގެ ބަޔާނާއި ހެކިބަސް އަދި 2 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މި ތަހުލީލުތަކުންނާއި ބަޔާންތަކުން، ކުއްޖާ ބުނާ ބުނުން ފިޔަވައި، މައްސަލައާއި ގުޅުން ހުރި އަދި ކުރާ ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ހާމަކުރި އެވެ.

މި މައްސަލަ ތަހުގީގުކޮށް 2022 އެޕްރީލް 22 ވަނަ ދުވަހު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވުމުން، ބައެއް އިސްލާހުތައް ގެނައުމަށް އެ އޮފީހުން އެދުނު ކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް މި އިސްލާހުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައި ނުވާތީ މައްސަލަ މިހާތަނަށް ނިމިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން އިތުރަށް ބުނި ގޮތުގައި ތުހުމަތު ކުރެވޭ މީހާ ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖްތަކާއި، މައްސަލައާއި ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުންވެސް ފެނިފައި ނުވެ އެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް