
"ޝޮކްޑް..؟؟؟ ކުރީގެ ތާބިޝް ފަދައިން އަހަރެން އަޅާނުލީތީ ހައިރާންވެއްޖެ ދޯ..! އެކަމާ ނުވިސްނާ.. ސަވާނާ ބުނިފަދައިން، މިގޭގެ ހުރިހައި ކަމެއްވެސް މިހާރު ހުންނާނީ ބަދަލުވެފައި..! ފިޒާ ބުނާ ކޮންމެ އެއްޗަކަށް، ޖަދަލުކޮށް ޒުވާބުކޮށް ދެކޮޅުހެދި ތާބިޝް މިހާރު މިގެއަކު ނޫޅޭ.. މީހަކު އެއްޗެއް ބުނާއިރަށް އެމީހަކާއި ކުރިމަތިލައި ކުދިކުދި ކަންކަމާއި ރުޅިއައިސް، އަތް އިސްކޮށްއުޅުނު ތާބިޝް، މާޒީގެ ތެރެއަށް ގެއްލި ވީރާނާވެއްޖެ..! އެ ތާބިޝްގެ ފިޒާ، އޭނާގެ ހަޔާތުން ގެއްލުނު ދުވަހުން ފެށިގެން އެ ތާބިޝްވެސް ގެއްލިއްޖެ..!" ތާބިޝްގެ ރިހުމުން ފުރިގެންވީ ހިނިތުންވުމަކުން ފިޒާގެ ހިތުގައި ބާރުގަދަ އޮއެވަރެއް އުފައްދާލި އެވެ. ހުރިފިޔަފަޅުމަތީގައި ހުއްޓުން އެރީ ސުވާލުއުފެދުނީތީ އެވެ.
"އާދޭ.. ފިޒާގެ ކޮޓަރި ދައްކާނަން..!" ކުރިއަށް އައުމަށް އިޝާރާތްކޮށްފައި ތާބިޝް ހިނގައިގަތީ ކުރިއަށެވެ.
ދެކޯތާފަތުން ކަރުނައިގެ ފައްވާރާއެއް ފައިބަމުންދިޔަކަން، ތާބިޝްއަށް އިހްސާސްވެސް ނުވެ އެވެ. ހުރި ފިޔަވަޅޅުމަތީގައި ފިޒާ ހުރީ ގާވެފަ އެވެ.
'ތާބިޝްގެ މި ސިފަ، ދުވަހަކުވެސް ހުވަފެނުންވެސް ނުދެކެން.. މި މިންވަރަށް ތާބިޝްއަށް ބަދަލުއައުމަކަށް ދުވަހަކުވެސް އަހަރެން ނޭދެން..! ތާބިޝްއަށް ތަކްލީފެއް ދޭކަށް އަހަރެން ބޭނުމެއް ނޫން.. ތާބިޝްއާއި ދުރުން އަހަރެން އުޅުނު ސަބަބުތައް ލޮލުގެ ކުރިމަތީން ފެނިގެން މިދަނީ، ހާދައިހައި ވޭންދެނިވި ގޮތަކަށޭ..! ތާބިޝްގެ ހަޔާތަށް އަހަރެން އައިސް މިގޮތުގައި ހުރެއްޖެނަމަ، އެކަކު އަނެކަކުގެ ކިބައިން ލިބޭނީ ހަމައެކަނި ވޭނާއި ހުދާހާއި ކެކުޅުން...! މިއީ އަހަންނަށް ކެތްކުރެވޭނެ ކަންކަމެއް ނޫން.. ތާބިޝޝްގެ މިހާލަތު ދެކެން އަހަންނަކަށް ކެތެއް ނުވާނެ..!"
އަމިއްލަ ނަފުސަށް މުހާތަބްކޮށް ފިޒާ ވާހަކަދައްކަމުންދިޔައީ އެހެންމީހަކަށް އަޑުއިވިދާނެކަމަށް ފަރުވާތެރި ވެގެންނެވެ.
"އެކަމަކު ކަލޭމެން ދެމީހުންކުރެ އެކަކަށްވެސް، އަނެކަކާއި ނުލައި އަމާންކަމުގައި ދިރިނޫޅެވޭނެ" އިވުނު އަޑާއެކު ފިޒާގެ ދެފައިގައި ތަޅުއެޅިއްޖެ އެވެ.
ލިބުނު ހައިރާންކަމުގައި ފަސްއެނބުރި ފިޒާއަށް ބަލައިލެވުނީ، އެ އިވުނު އަޑުގެ ސަބަބުންނެވެ. އުފާވެރިކަމުން ފުރިގެންވީ ހިނިތުންވުމަކާއެކު ފިޒާއާއި ދާދި ގާތުގައި ބަލަހައްޓައިގެން ހުރީ ކަޔާން އެވެ.
"ކަ.. ޔާން..!" އިހްތިޔާރަކާއި ނުލައި ފިޒާއަށް ގިސްލެވުނެވެ.
"ފިޒާ" ފިޒާގެ ނަން ބުނެލިއިރު ކަޔާންގެ އަތް ހުޅުވާލައިފި އެވެ.
ކުޑަކުޑަ ދަރިޔަކު ބައްޕަގެ އަތުތެރޭގައި ބޮނޑިވެލާފަދައިން ފިކުރެއް ހިޔާލެއް ނެތި ފިޒާ، ކަޔާންގެ ދެއަތުގެ ރައްކާތެރިކަން ލިބިގަތްފި އެވެ. ތާބިޝްގެ އަންބެއްގެ ގޮތުގައި އެގެއަށް އައި ދުވަހުން ފެށިގެން އެންމެ ހާއްސަގުޅުމެއް އުފެދިފައިވަނީ ކަޔާންއާއި ފިޒާގެ ދެމެދު އެވެ. އެއްބަނޑު އެއްބަފާ ކޮށްކޮއެއް ފަދައިން ކަޔާން، ފިޒާ ރައްކާތެރިކުރަމުންދިޔައީ ފިޒާއަށް ކުރިމަތިވާ ކޮންމެ ކަމެއއްގައި އެންމެ ގާތުގައި ހުރެދޭނޭކަމުގެ ޔަގީންކަން ދެމުންނެވެ. ނަމަވެސް ތަގްދީރުގެ ބޭއިންސާފު ނިޔާގައި ވަކިވެގެން ދާންޖެހުނީ ހަމައެކަނި ފިޒާއާއި ތާބިޝްއެއް ނޫނެވެ. ކަޔާންއާއި ފިޒާގެ ކޮއްކޮބޭބެ، ގުޅުންވެސް ނެތި ދިޔައީ ދެހިތަށް ނުހަނު ވޭންދެނިވި ރިހުމާއެކު އެވެ.
"އައި މިސްޑް ޔޫ" ދެއަތުގެތެރޭ ފިޒާ ރައްކާކޮށްލަމުން ކަޔާން ބުނެލީ ނުހަނު މަޑުމަޑުންނެވެ.
"އައި މިސްޑް ޔޫ ޓޫ..! ވަކިވެގެން ދިޔައީ ނުވަތަ ކެނޑުނީ، ޅިޔަންފަހަރި ގުޅުން..! ބޭބެއާއި ކޮއްކޮގެ ގުޅުމެއް ދުވަހަކުވެސް ނުކެނޑޭނެ.. އެންމެ ފަހަރަކުވެސް އަހަރެންނާއި ބައްދަލުކުރަން ކަޔާން، ނާދޭ..! ކީއްވެ؟ އަހަރެން ހޯދަން ނައީ ކީއްވެ..؟" ފިޒާގެ ޝަކުވާއަށް ނިމުމެއް ނައި އެވެ.
"ސަބަބަކީ އަހަރެންގެ ފަހަރިއާއި ހަމައަށް އަހަރެން ދިއުމުގެ ކުރިން، އޭނާގެ އެހެން ރޭވުމެއްގެ ދަށުން، އަހަރެންގެ ކޮއްކޮގެ އަމިއްލަ މަންޒިލް ބަދަލުކުރީތީ..!" ކަޔާންގެ ޖުމުލައިގެ އަޑާއި ރާގުގައި މަޖާގޮތްތަކެއް އެކުލަވާލަން މަސައްކަތްކުރިޔަސް، އެކަން ކާމިޔާބެއް ނުވި އެވެ. ފިޒާގެ ނިއްކުރިއަށް ރޫ އަރުވާލާފައި ކަޔާންއާއި ދިމާއަށް ބަލައިލި އެވެ.
"ކަންކަމުގެ ހަގީގަތް ބުނެދިނުމަށް، ނުވަތަ ކަންވެގެން ދިޔަގޮތް ތަފްސީލްކޮށްދިނުމަށް ކުޑަވެސް ފުރުސަތެއް އަހަރުމެންނަކަށް ނުދިން.." ކުޑަކުއްޖެއް ފަދައިން ކަޔާން ޝަކުވާ ހުށަހެޅި އެވެ.
"ކަޔާން.. އަހަރެން ވަރަށް ވަރުބަލި.. އަހަރެން މިދަނީ ކޮޓަރިއަށް.. ފަހުން ބައްދަލުކޮށްލާނަން" ކަޔާން އަލިކުރަމުންދިޔަ މަގު ގަސްތުގައި ބަންދުކުރީ ފިޒާ އެވެ. އެވާހަކައިގައި ކުރިއަށްދާން ބޭނުންނުވީ ފިޒާ އެވެ. ކޮނުނުވަރަކަށް ފަސްގިނަވާނެކަން އިނގޭތީ އެވެ.
ދެފަޔަށް ބާރުލާފައި ދެއަތް އުކަމުން ކަހަލަގޮތަކަށް ނުހަނު ބާރަށް ފިޒާ ހިނގާފައި ދިޔަ މަންޒަރުބަލަން ކަޔާން ހުރީ ހިނިއައިސްފަ އެވެ. ފަހަތުން ކަޔާންގެ ކޮނޑުގައި މީހަކު ދެތިންފަހަރު ޖަހައިލުމުން ފަސްއެނބުރި ބަލައިލި އެވެ.
"ސޯ.. އިޓް ވޯކްޑް..!" ސަވާނާ ބުނެލީ ކަޔާންގެ ކަންފަތާއި ދިމާއަށް ގުދުވެލާފަ އެވެ.
"ޔެސް..! ތާބިޝް، ފިޒާއާއި ބައްދަލުކޮށްފައި ވަރީގެ ވާހަކަ ދައްކައިފިނަމަ އެންމެ މިނެޓެއްވެސް އިސްރާފްނުކޮށް ތާބިޝްއާއެކު ފިޒާ އަންނާނެކަން އަހަންނަށް ޔަގީންވޭ..! އެކަކު އަނެކަކަށްޓަކައި ދެމީހުން ވިސްނަނީ ކިހިނެއްކަންވެސް އަހަންނަށް އިނގޭ.. އެ ދެމީހުންނަށް ވާނުވާވެސް އަންގާނުލާ، އެކަމުގެ ފައިދާ މި ނެގީ އަހަރެން.. ކާމިޔާބު މިލިބުނީވެސް އަހަންނަށް.." އެއްމިޔަކަނުން ހިނިއައިސްފައި ކަޔާން ބުންޏެވެ.
"ކަޔާން.. އެކަމަކު..!" ޖެހިލުންވެފައި ސަވާނާ މަސައްކަތްކުރީ ކަޔާންއަށް ހާލަތު ބުނެދިނުމަށެވެ.
"އެ ދެ މީހުންނަށްވެސް ވަގުތު ބޭނުންވާނެ.. އެކަމަށް ފުރުސަތުދޭން ތިބީ އަހަރުމެން.. އެ ދެމީހުންގެ ލޯތްބަށް ކުޑަވެސް އުނިކަމެއް ނާދޭ... އެކަމަކު އެ ލޯބި ހޯދައި، ތާޒާކުރުމަކީ ދެމީހުންގެ މުސްތަގްބަލަށް އޮތް ޗެލެންޖް..! އެކަމުގެ ވަގުތު އައިސްޖެހޭއިރު އެ މީހުންގެ ލޯބި، ކުރިއަށްވުރެން އެތަށް ގުނައެއް މިފަހަރު ބާރުގަދަވާނެކަން އަހަންނަށް ޔަގީން..!" އަނބިމީހާ ގެނެސް ދެއަތުތެރޭގައި ރައްކާކޮށްލަމުން ކަޔާން ބުނެލީ ސީރިޔަސް ކޮށެވެ.
"އައި ހޯޕް ސޯ" އުއްމީދެއް ނެތަސް، ސަވާނާ ބޭނުންވާ ގޮތް ބުންޏެވެ.
.................
ދެފަޔަށް ބާރުލާފައި ގޮސް، ފިޒާ ކޮޓަރިއަށް ވަނެވެ. ފެނުނީ ލޮލަށް ފަސޭހަ މަންޒަރެއް ނޫނެވެ. ފިޒާގެ ފޮށި ހުޅުވާފައި ކައިރީގައި ބަހައްޓައިގެން މަޑުމަޑުން އަންނައުނުތައް ނަގައިގެން އަލަމާރީގައި ތާބިޝް ތަރުތީބުކުރަނީ އެވެ.
"ކީއްތިކުރަނީ..؟" ހަރުކަށި ރާގުގައި ފިޒާ ސުވާލުކުރި އެވެ.
ހިނިތުންވެފައި ތާބިޝް ބަލައިލީ ވަރަށް ހަމަޖެހިލާފަ އެވެ.
"ނަތިންގ..! އެހީތެރިކަމެއް ފޯރުކޮށްލެވޭތޯ މިއުޅެނީ.. ފިޒާ އައުމުގެކުރިން މިކަން ނިންމާލެވޭތޯ މިއުޅުނީ.." ހަމަޖެހިލާފައި ވަރަށް މަޑުމަޑުން ތާބިޝް ޖަވާބުދިނެވެ.
ފިޒާއަށް ލިބުނީ ހައިރާންކަމެވެ. މާޒީގެ އާންމު އުސޫލުންނަމަ، ތާބިޝް ފިޒާއާއި ދެބަސްވެ، ކޮންމެވެސް ސަބަބެއް ހޯދައިގެން ނަމަވެސް ދިމާކުރީހެވެ. ނުވަތަ އަރާރުންވެ، ދެބަސްވީހެވެ. ތާބިޝްގެ ހިމޭން މި މިޒާޖާއި މައުނަވީ ހިނިތުންވުން ފިޒާއަށް ކަމަކު ނުދިޔަ އެވެ. ފިޒާގެ މަގްސަދު ހާސިލްކުރުމަށް، ތާބިޝްގެ މި މިޒާޖުން އެހީތެރިކަމެއް ނުލިބޭނެ އެވެ. ހުރިހައި މާޔޫސްކަމެއް ލިބުނީ ފިޒާއަށެވެ.
"އަހަރެންގެ އެއްޗެހިތަކުގައި އަތްހާކާކަށް ތާބިޝްއަކަށް ނުޖެހޭނެ.. ހުރިހައި އެއްޗެއް ހުރިގޮތަށް ބަހަށްޓާ..! އެކަށްޗެއްގައިވެސް އަތް ނުލާތި..!" ފިޒާގެ ހަރުކަށި ބާރު އަޑު ތާބިޝްއަށް ކަމަކުނުދިޔަ އެވެ. މާޔޫސްކަމާއެކު ބަލައިލީ ހިތަށް ތަދުވީމަ އެވެ.
"ﷲގެ ކުޅަދުންވަންތަކަން..! ފިޒާ..! ހަޅޭއްނުލަވަބަލަ..! ދެމީހުންގެ ދުރުމިނުގައި މިއޮތީ ތިންހަތަރު އިންޗި.. މިހާ ގާތުގައި ތިބޭއިރުވެސް ފިޒާ އެމެރިކާގައި ހުރެގެން އަހަރެން ޔޫ. އެސް.އޭގައި ހުއްޓައި އަޑުއިއްވަން ގޮވާހެން ހީވަނީ..!" ފިޒާގެ މޫނަށް ބަލާލާފައި ތާބިޝް ބުންޏެވެ. އިސްޖަހައިލީ ބުނެވުނު އެއްޗެއް އިހްސާސްވުމުންނެވެ.
"އެމެރިކާއާއި ޔޫ.އެސް.އޭއާއި ހުރި ގުޅުން ބުނެލަދީފާނަންތަ..؟" މޭދަށުގައި ހަށަންބަނދެލަމުން ފިޒާ ސުވާލުކުރީ ތާބިޝްއާއި ދިމާއަށް އެއްބުމަ އަރުވާލާފަ އެވެ. ތާބިޝްގެ ދުލުގައި ދަތް އަޅާފައި ނިއްކުރީގައި ހިފަހަށްޓާލި އެވެ.
"ސިމްޕަލް...! އެމެރިކާގައި ޔޫ.އެސް.އޭއެއް ނޯންނާނެ.. ޔޫ.އެސް.އޭގައި އެމެރިކާ އޮންނާނެ.. އެކަން އެ ނިމުނީ!" ހަމަޖެހިލާފައި ތާބިޝް ޖަވާބުދިނީ ފިޒާއާއި ސަމާސާކުރުމުގެ ގޮތުންނެވެ.
ތާބިޝްއާއި ދިމާއަށް އަނގައިން ވައްތަރުޖައްސާފައި ފިޒާ ލޯ އަޅައިލީ ލޯބިގޮތަކަށެވެ. ތާބިޝް ހިނިއައިކަން އެނގުމުން ފިޒާ އެތަންމިތަނަށް ބަލަންފެށީ ތާބިޝްއާއި ދިމާއަށް ބަލަންނުކެރިގެންނެވެ.
"ތިހޯދަނީ އަހަންނަށް ހަމަލާއެއްދޭނެ ހަތިޔާރެއް ކަމަށްވަންޏާ އަންގާލައިގެން އުޅޭ..! އެނދުގައި އެހުރީ ބާލީސްތަށް، ސޯފާގައި އެހުރީ ކުށަންތައް، މޭޒުމަތީގައި އެހެރީ ބިއްލޫރި ވާސް، ރެކްގަ ހުންނާނެ އެކިވަރުގެ ބަރުމިންހުރި ބޫޓުތަކާއި ފައިވާންތައް.. ދެން ފިޒާ އަރައިގެން ތިހުރި ފައިވާންވެސް ހަމަ ރަގަޅުވާނެ..!" ތާބިޝްގެ މަލާމާތުގެ ޖުމުލަ ނިމުމާއެކު، ފިޒާ ލޯއަޅަން ފަށައިފި އެވެ.
"ތިހެން ސަމާސާކޮށްގެން އަހަރެންގެ ހިތް ފަތަހަކުރެވޭނެކަމަށް ހީނުކުރައްޗޭ..!" ހަރުކަށިކަމާއެކު ފިޒާ ބުނެލލުމުން އެއްބަސްވުމުގެ ގޮތުން ތާބިޝް ބޮލުން އިޝާރާތްކުރި އެވެ.
"އިތުރަށް ތި ހިތް ފަތަހަކުރަންޖެހޭކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.. ފިޒާގެ ތިޔަ ހިތުގައި އަހަރެން ނޫން އެހެން އެއްވެސް މީހެއްގެ ނަން ލިޔެވިފައެއް ނުވާނެ.. ކުރިއާއި މިހާރާއި ހުރި ހަމައެކަނި ތަފާތަކީ، ތިޔަ ނާޒުކު ހިތުގައި ވަރަށް ބޯކޮށް މިހާރު ހުރީ އައިސްޖަހާފައި..! އެހެންވީމައި މިވަގުތު ތިޔަ ހިތުގައި ޒައްރެއްގެ މިންވަރަށްވެސް އިހްސާސެއް ނެތް.. އަހަރެންގެ ލޯތްބާއި އަހަރެންގެ މުހިއްމުކަން ފިޒާއަށް އަންދާޒާ ނުކުރެވެނީ އެހެންވެ..! މި އޭޕްރީލް މަހުގެ ގަދަ ހޫނުން ތި އައިސްތައް ވިރުނީމައި، އަހަރެންގެ ލޯބިވެސް، އަހަރެންގެ މުހިއްމުކަންވެސް ފިޒާއަށް އިހްސާސްވާނެ..! އޭގެފަހުގައި ތިޔަހިތުން އަހަރެން ނެރި ބޭރުކުރުމަކީ ފިޒާގެ އިހްތިޔާރުގައި އޮންނާނެ ކަމެއް ނޫން..!" ހިނިތުންވެފައި ތާބިޝްގެ ޖުމުލަ ނިންމާލިއިރު ފިޒާގެ ނޭފަތް ރަތްވެއްޖެ އެވެ.
ރުޅިގަދަވެގެން ފުފެމުން ތާބިޝްއާއި ދިމާއަށްގޮސް، އަލަމާރީގައި ތަރުތީބުކޮށްފައިހުރި ބައެއް އަންނައުނު ބިންމައްޗަށް އަޅަމުން، ފިޒާ ބޭނުންވި ނިދާހެދުން ހިފައިގެން ފާހާނާއަށް ވަދެ، ވަރަށް ބާރަށް ދޮރު ލައްޕައިފި އެވެ.
"އޫއޫއޫއޫޕްޕްސްސސ...! ލޯންގް ވޭ ޓު ގޯ ތާބިޝް މުހައްމަދު އަހްސަން" އަމިއްލަ ކޮނޑުގައި އެއްއަތުން ޑްރާމާގޮތަކަށް ޖަހައިލަމުން ތާބިޝް ބުނެލި އެވެ.
"ލޯންގް ވޭ އެއްނޫން.. އިމްޕޮސިބަލް ވޭ..!" ފާހާނާގެ ތެރެއިން ފިޒާ ހަޅޭއްލަވައިގަތް އަޑު އިވުނެވެ.
"އަހަރެންގެ ޑިކްޝަނަރީގައި 'އިމްޕޮސިބަލް' ކިޔާ ލަފްޒެއް ހިމަނާފައެއް ނޯންނާނެ..!" ހަމަ އެއަޑުން ތާބިޝްވެސް ބުނެލި އެވެ.
"ތާބިޝްގެ ޑިކްޝަނަރީ ބަދަލުކުރަންވެއްޖެހެން އަހަންނަށް ހީވަނީ.. އެއީ މިހާރު ތިގެންގުޅެނީ 'ނުބައި ޑިކްޝަނަރީ'އެއް.. ހާސްނުވޭ..! އެކަމުގައި އަހަރެން އެހީވާނަން..!" ފާހާނެ ދޮރު ހުޅުވާލާފައި ފިޒާ ބުނެލި އެވެ.
ތާބިޝްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ފާހާނާދޮރު ލައްޕާފައި ފެންމާގަނޑު ދޫކޮށްލި އަޑު އިވިއްޖެ އެވެ. ތާބިޝްގެ މޫނުމަތީން ފެނުނީ ލާނެއް ހިންޏެކެވެ. މަޑުމަޑުން ހިނގާލާފައި އައިސް ހުއްޓުނީ ފާހާނާގެ ކުރިމަތީގަ އެވެ.
"އަންނަނީ ފެންވަރުވަން.. އަންނަނީ ފެންވަރުވަން..
ލޯބީގެ ވާރޭވިލާ..
ދޭމުޅިން ހީފިލާ ފެނިލުމުންވެސް ކަލާ
ހަމަތެދޭ ޝުކުރިޔާ ޝުކުރިޔާ...
އަންނަނީ ފެންވަރުވަން.. އަންނަނީ ފެންވަރުވަން..
ލޯބީގެ ވާރޭވިލާ..
ދޭމުޅިން ހީފިލާ ފެނިލުމުންވެސް ކަލާ
ހަމަތެދޭ ޝުކުރިޔާ ޝުކުރިޔާ.." ފިޒާއަށް އަޑު އިވޭވަރަށް ބާރަށް ތާބިޝް ލަވަކިޔަންފެށީ ފާހާނާ ދޮރުގައި ލައްވެގެން ހުރެ އެވެ.
"ތާބިޝް...!!!!! ހަމަ މިވަގުތުން ފެށިގެން ތާބިޝްގެ ހަޔާތުން އަހަރެން ދުރަށް ދާން ބޭނުންވަނީތަ..؟؟"
ރުޅިއައިސް ރަތްވެގެން، ވަރަށް ބާރަށް ފާހާނާ ތެރެއިން ފިޒާ ހަޅޭއް ލަވައިގަތެވެ.
"ނެވަރ އެގެއިން ފިޒާ..! ދުވަހަކުވެސް އަހަރެންގެ ހަޔާތުން ފިޒާ ދެން ދުރަށްދިއުމަކަށް އަހަރެން ފުރުސަތެއް ނުދޭނަން..! އަހަރެންގެ ފުރާނައިގައި އެންމެ ވިންދެއް ހުއްޓައިވެސް އަހަންނާއި ދުރަށް ފިޒާދިޔަނުދޭނަން.." ތާބިޝްގެ އަޑާއި ރާގު ފިޒާގެ މައިބަދައިން ހީބިހި ނަގުވާލި އެވެ.
ހުރި ފިޔަވަޅުމަތީން ގުޑާލަންވެސް ނޭގުނެވެ. ފެންމާގަނޑުގެ އަތްގަނޑު އަނބުރާލެވުނު އިރެއްވެސް ނޭގުނެވެ. ބޮލަށް ފައިބާންފެށީ އައިސްފެނެވެ.
ލޮލުން ކަރުނަ ފައިބާކަން އެނގުނީ އަތާއި ފައިގެ އިނގިލިތައް މޭލިބުއިފަހުންނެވެ.
"ތިއީ ތާބިޝްގެ ހިތުގެ އަޑު ކަމަށްވަންޏާއި އެދުވަހު އެހެން ހެދީ ކީއްވެ..؟ (ނުނިމޭ)