
ސައީދު މިހެން ވިދާޅުވީ ރައީސް މުއިއްޒު މިހާރު ސިންގަފޫރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިހާރު އެގައުމުގައި ކުރިޔަށްދާ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ މި ސަރުކާރު ސިޔާސަތަކީ ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އިގްތިސާދު ސިންދަފާތުކުރުންކަމަށެވެ. އެގޮތުން އެސްއީޒެޑް ގައި އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހުޅުވާލާފައިވާކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.
އެސްއީޒެޑްގައި މިހާރު ހިންގަން ލިބިފައިވާ މަޝްރޫއުތަކަށް ބަލާއިރު 680 މިލިޔަން ޑޮލަރުގެ މަޝްރޫއުތައް ޔަގީންވދެދ ކަށަވަރުވެފައިވާކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި މިހާރުވެސް އިޔާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫއެއް ހިންގަން ހުއްދަދީފައިވާކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެސްއީޒެޑަށް 1 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓްތައް ގެނައުންކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ސަބަބުން އަހަރަކު 43 މިލިއަން ސޭވް ވާނެ ކަމަށް މުހައްމަދު ސައީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުނު ގަރާރުގައިވާ ގޮތުން ސްޕެޝަލް އިނޮމިކް ޒޯނަށް އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭނެ އެވެ. އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވެ އެވެ.