
ރަޝިޔާގެ ރައީސް ވްލަދިމިއާ ޕިއުޓިން ހޮނިހިރު ދުވަހު މޮސްކޯ ގަޑިން ހަވީރު 6 ޖަހާއިރުން ފެށިގެން އާދީއްތަ ދުވަހުގެ މެންދަމު 12 ޖަހަންދެން 30 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމަށް އިއުލާންކުރި ނަމަވެސް، ޒެލެންސްކީ ބުނެފައިވަނީ ރަޝިޔާއިން ޝެލިން، ޑްރޯން ހަމަލާތައް އަދި އެސޯލްޓް އޮޕަރޭޝަންތައް ކުރިއަށް ގެންދާކަމަށެވެ.
ޒެލެންސްކީ ބުނިގޮތުގައި އާދީއްތަ ދުވަހު ހެނދުނު 6 ޖަހާއިރު ރަޝިޔާއިން ވަނީ 59 ޝެލިން ހަމަލާއާއި 5 އެސޯލްޓް ހިންގާފައެވެ. އަދި ދުވަހުގެ ފަހުން ހަމަލާތައް އިތުރުވެފައިވާކަމަށް ވެސް ޒެލެންސްކީ ބުނެފައިވެއެވެ. ޔުކްރެއިންގެ ފޮރިން މިނިސްޓަރު އެންޑްރީ ސިބިހާ ވަނީ ރަޝިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އިއުލާން "ފުދޭވަރެއް ނޫން" ކަމަށް ބުނެ، ރަޝިޔާއިން ކުރިންވެސް ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވައުދުތައް ފުއްދާފައިނުވާކަމަށް ފާހަގަކޮށްފައެވެ.
ޒެލެންސްކީ ވަނީ ހަގީގަތުގައި ވެސް ހަނގުރާމަ ހުއްޓާލަން ރަޝިޔާއިން ނިންމައިފިނަމަ ޔުކްރެއިންވެސް އެކަމަށް އިޖާބަދޭނެކަމަށެވެ.
ހަނގުރާމަ ހުއްޓާލުން 30 ދުވަހަށް އިތުރުކުރުމަށް ހުށަހަޅާފައިވާކަމަށާއި، ނަމަވެސް ރަޝިޔާއިން މިކަން ކުރިން ބަލައިނުގަތްކަމަށްވެސް ޒެލެންސްކީ ބުނެފައިވެއެވެ.
ދެފަރާތުންވެސް އެކަކު އަނެކަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނުހިފެހެއްޓުމުގެ ތުހުމަތުކުރާއިރު، ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ޔުކްރެއިން އިން އެތައް ސަތޭކަޑްރޯން އަދި އާޓިލަރީ ހަމަލާތައް ދީފައިވާކަމަށެވެ.