
ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި ކޮންގްރެސްވްސް އެވަނީ ފަސް ކްލަބުން ބޯއިކޮޓްކޮށްފައެވެ. ފުޓުބޯޅަ ސީޒަން ބަދަލުކުރަން ފީފާއިން އަންގައިފިއެވެ. ގައުމީޓީމް އެކުލަވާލަން ކުޅެން އުޅުނު ކުރު މުބާރާތުގައި ބައިވެރިވީ އެންމެ ހަތަރު ކްލަބެވެ.
ގައުމީ ޓީމް ނުހޮވި ތާށިވެފައި
ޖުލައިމަހު ކުޅެންޖެހޭ ސާޕްޗެމްޕިޔަންޝިޕަށް ގައުމީޓީމް ހޮވުމަށް ވާދަވެރި ކުރު މުބާރާތެއް ނުބޭއްވުނެވެ. މާލޭގެ ދިހަ ކްލަބްގެތެރެއިން ކުޅެން އެއްބަސްވީ އެންމެ ހަތަރު ކްލަބެވެ. ހަ ކްލަބް ކުޅެން އެއްބަހެއް ނުވިއެވެ. ކްލަބްތަކުގެ މެޖޯރިޓީވެސް މިއޮތީ ގެއްލިފައެވެ. ކްލަބްތަކުގެ މެދުގައި ފައިސާ ބެހުމުގައި ތަފާތުކުރާތީއެވެ.
އަސާސީ ގަވާއިދުން ވޯޓް ހައްގުވާ 44 ވޯޓިންގް ޑެލިގޭޓް ކަނޑައެއް ނޭޅުނެވެ. އެންމެފަހުން މާޗްމަހުގެ 16 ވަނަ ދުވަހު ބޭއްވި އެކްސްޓަރާއޯޑިނަރީ ކޮންގްރެސް ފަސް ކްލަބަކުން ބޯއިކޮޓްކުރިއެވެ. އެކޮންގްރެސްއަށް ދައުވަތުދިނީ އެންމެ ޒޯނެއްގެ ކްލަބްތަކަކަށެވެ. ކޮންގްރެސްގެ ސައްހަކަމާބެހޭގޮތުން ފީފާއިން އަދިވެސް ބަހެއް ނުބުނެއެވެ. މެމްބަރުން ހަމަނުވާ ކޮންގްރެސްއެއްވެސް ބޭއްވީއެވެ.
ނޯމަލައިޒޭޝަން ކޮމިޓީއަށްވެސް އަދި ސާފް ޗެމްޕިޔަންށިޕަށްވެސް ދެން އޮތީ އެންމެ ތިންމަސްދުވަހެވެ.
ނޯމަލައިޒޭޝަން ކޮމިތީއެއް ހެދީ ކީއްވެ؟
ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއެއް ހަދަނީ މެމްބަރ އެސޯސިއޭޝަންތަކުގައި ޑިމޮކްރަސީ ގެއްލި ކަރަޕްޝަންގެތެރެއަށް ވެއްޓުމުންނެވެ. ދިވެހިރާއްޖޭގައި މިފަދަ ކޮމިޓީއެއް އުފެއްދިއިރު އޮތީ 150 މިލިއަން ރުފިޔާއަށް އެސޯސިއޭޝަން ދަރުވާލާފައެވެ. ތިންވަނަ ފަހަރަށް އެފްއޭއެމް ނޯމަލައިޒްކުރަންޖެހުނީ އަސާސީ ގަވާއިދާ ހިލާފަށް އެސޯސިއޭޝަން ހިންގާތީއާއި، ވައްކަމާއި ކަރަޕްޝަންގެ ސަބަބުންނެވެ.
ނޯމަލައިޒޭޝަންގެ ކަންތައް ތަކުގައި ފީފާ އިން އަމަލުކުރާގޮތަކީ، އެގައުމެއްގެ ސްޕޯޓްސް މިނިސްޓަރަރުގެ ލަފާ ހޯދުމެވެ. އެނގިފައިވާ ގޮތުގައި، މިފަހަރުގެ ނޯމަލައިޒޭޝަން ކޮމިޓީއަކީ މިނިސްޓަރު ބޭނުންފުޅުވި ބައެއްގެ މައްޗަށް އެކުލަވާލި ކޮމިޓީއެކެވެ. ފީފާއިން މިގޮތަށް އަމަލުކުރަނީ، އިސްލާހްކުރުމުގެ ފުރުސޮތު އެގައުމަކަށް ދިނުމުގެ ނިޔަތުގައެވެ. "ފެއަރް ޕްލޭ" ގެ އުސޫލުންނެވެ! ސަރުކާރަށް އެފްއޭއެމް ނޯމަލައިޒް ނުކުރެވިއްޖެނަމަ، ފީފާ އިން ދެން ވިސްނާނީ ސަސްޕެންޑް ކުރާށެވެ.
ސަސްޕެންޑް ކުރަންވީ ކީއްވެ؟
ފީފާއިން އެސޯސިއޭޝަނެއް ސަސްޕެންޑްކުރަނީ ފީފާގެ އަސާސީ ގަވާއިދުން (ސްޓެޓިއުޓްސްއިން) ކަނަޑައަޅާފައި ހުންނަ މިންގަނޑަށް އެސޯސިއޭޝަން ނުހިންގުމުންނެވެ. ރާއްޖޭގައި ނަމަ، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ 44 ވޯޓިންގް ޑެލިގޭޓުންނަށް ދައުވަތުނުދީ ކޮންގްރެސް ހިންގާތީއެވެ.
2016 އާއި 2020 ގެ ކޮނގްރެސްއަށް ވެސް ވަނީ 44 ވޯޓިންގް ޑެލިގޭޓުންނަށް ދައުވަތު ނުދިއެވެ. ޒޯންގެ ނުވަ ވޯޓާއި އިންޓަރެސްޓް ގްރޫޕްތަކުގެ ނުވަ ވޯޓުވެސް ނުލައެވެ. ކޮންގްރެސްގައި ވޯޓްލަނީ އެންމެ ޒޯނެއްގެ 18 ކްލަބުންނެވެ. މައްސަލައަކީ އެފްއޭއެމްގެ ވޯޓް ހައްގުވާ ކްލަބްތަކާއި، ރީޖަނަލް އެސޯސިއޭޝަންތަކާއި، އިންޓަރެސްޓްގްރޫޕްތަކުގެ "ސްޓޭޓަސް" ނުވަތަ "ދައުރު" ވެސް މިއޮތީ ކަނަޑަނާޅައެވެ. އޭގެ ބަދަލުގައި އެފްއޭއެމްގެ ކޮންގްރެސް މެމްބަރުންކަމުގައިބުނެ، ވޯޓްލަމުން މިގެންދަނީ އަސާސީ ގަވާއިދުގައި ބުނާ ކްލަބަތަކެއްވެސް ނޫނެވެ. ހަމައެކަނި އެންމެ ޒޯނަކުން، މާލެތެރޭން ހޮވާލެވުނު ކްލަބްތަކެކެވެ.
އެފްއޭއެމްގެ ގަވަރނަސްގެ މައްސަލަތައް ފުނިޖެހިފައިވާ މިންވަރު ފީފާގެ ރާޑަރަށްއެރީ، ދާދިއެހަކަށްދުވަހުއެވެ. 2024 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް އެންޑޯސްކުރާ ވެލެންސިއާގެ ވޯޓް، ދެ ކެންޑިޑޭޓުންނަށް ދިންހިސާބުންނެވެ. މިކަމާއިގުޅިގެން ވާދަވެރި ކެންޑިޑޭޓް އަހްމަދު ތާރިގްގެ ކެންޑިޑަސީ ބާތިލް ކުރުމުން އޭނާ އެމައްސަލަ ފީފާ އަށް ހުށަހެޅުމުންނެވެ. ސަހްސު އޮޅުވާލުމުންނެވެ. އެހިސާބުން، ފީފާއިން ނިންމީ، އެއިރު ހުންނެވި ރައީސް ބައްސާމް އަދީލް ޖަލީލް ވަކިކޮށް، ހިންގާކޮމިޓީ އުވާލާ، އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލުކުރާށެވެ.
އެހެންނަމަވެސް ނޯމަލައިޒޭޝަންކޮމިޓީންވެސް އަމަލުކުރަމުން މިގެންދަނީ، ކުރިއެކޭ އެއްގޮތަށް، އަސާސީގަވާއިދާ ހިލާފަފަށެވެ. ދެންޖެހޭނީ ސަސްޕެންޑްކުރާށެވެ. ސޯޝަލްމީޑިއާގައި ބައެއް ކޮމެންޓޭޓަރުން ބުނަނީ ރާއްޖެއަށް އެންމެ ރަނގަޅުގޮތަކީވެސް ސަސްޕެންޑް ކުރުން ކަމަށެވެ. އެމީހުންގެ އުއްމީދީ ވިސްނުމަކީ އާ ފެށުމަކުން ފަށަން ކަމަށް ބެލެވިދާނެއެވެ. އާހިރުގައި ސަސްޕެންޑް ކުރާނީ އަސާސީ ގަވާއިދާއެއްގޮތަށް އެފްއޭއެމް ނުހިންގައިގެނެވެ.
ސަސްޕެންޑް ނުވާގޮތް
ސަސްޕެންޑް ނުވާނެގޮތް އެބައޮތެވެ. އެގޮތަކީ ނޯމަލައިޒޭޝަން ކޮމިޓީންވެސް އަސާސީ ގަވާއިދަށް ރުޖޫއަވުމެވެ. ކޮންގްރެސްގައި ވޯޓު ހައްގުވާ 44 މެމްބަރުން ހަމަކުރުމެވެ. ނޯމަލައިޒް ކުރުމަށް އުފައްދަންޖެހޭ ގުނަވަންތައް އުފައްދާ ގާއިމްކުރުމެވެ. ޒޯންތަކުގައި ރީޖަނަލް އެސޯސިއޭޝަން އުފައްދާ، ހަމަ މިގޮތަށް އިންޓަރެސްޓް ގްރޫޕް ތައް އުފައްދާ ގާއިމްކުރުމެވެ. އަދި ދިވެހިލީގަކީ ޒޯންޗެޕްޕިޔަނުން ކުޅޭ ލީގަކަށް ހެދުމެވެ. އެހެންނަމަވެސް ކުރިގައިވެސް ކަންކުރަމުން އައިގޮތަށް އެންމެ ޒޯނެއްގެތެރޭ އެއްހަހަރުތެރެއަށް ލީގް ތާވަލްކޮށް، 44 ވޯޓީންގް ޑެލިގޭޓުންނާނުލާ ކޮންގްރެސް ހިންގިކަމީ ނޯމަލަިޒޭޝަން ކޮމިޓީ ފޭލްވުމެވެ.
ސަސްޕެންޑް ނުވާނީ 44 ވޯޓިންގް މެމްބަރުން ހަމަކުރުމުންނެވެ.
ނޯމަލައިޒޭޝަން ކޮމިޓީ ފޭލްވުން.
މެޖޯރިޓީ ކްލަބަތައް ނުކުޅުމަކީ ނޯމަލައިޒޭޝަން ކޮމިޓީ ފޭލްވުމެވެ! ސަރުކާރުން ފައިސާ ދިންކަމަށް އިއުލާނުކުރިއެވެ. އެހެންނަމަވެސް އެކި ކްލަބަތަކަށް ފައިސާ ދިނީ އެކިވަރަށެވެ. ގައުމީ ޓީމް އޮތީ ޖުލައި މަހު ސާފްޗެމްޕިޔަންޝިޕް ކުޅެންޖެހިފައެވެ. ގައުމީ ޓީމެއް އެކުލަވާލެވެން އަންނަނީ ގައުމީ ލީގު ކުޅެގެނެވެ. ގައުމީ ލީގެއް ނެތެވެ. ވަގުތީ މުބާރާތެއްވެސް ނުކުޅެވުނެވެ. ކޮންގްރެސްއެއްގައި ވޯޓްހައްގުވާ 44 މެމްބަރުންނެއް ނުދެއްކުނެވެ.
އެންމެފަހުން ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމްވެސް އެއުޅެނީ ސާފްޗެމްޕިޔަންޝިޕަށް ތައްޔާރުނުކުރެވިގެނެވެ.
ދެން އޮތީ އެންމެ ތިންމަސްދުވަހެވެ. މިއަހަރުގެ ޖުލައި މަހަށް ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު ހަމަވެއެވެ. ނޯމަލައިޒޭޝަން ކޮމިޓީއަށް އެއްއަހަރުދުވަސް ލިބުނު ނަމަވެސް، ސައްހަ އިންތިހާބެއް ބާއްވަން ބޭނުންވާ 44 ސައްހަ ވޯޓިންގް ޑެލިގޭޓުން ދެއްކިފައެއް ނުވެއެވެ. ދެން އޮތީ ސަސްޕެންޝަން ނޫން ކޮންގޮތެއް ތޯއެވެ؟
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.