
އެފްޑީސީން ބުނީ މި އިންސްޕެކްޝަންގެ މައިގަނޑު މަގްސަދަކީ އެ ކުންފުނިން މި އިމާރާތްތަކާއި ހަވާލުވުމުގެ ކުރިން ތަނުގެ ހާލަތު ދެނާނެކަމަށެވެ. މިގޮތުން، އިމާރާތުގެ ސްޓްރަކްޗަރާއި، އާންމުން ބޭނުންކުރާ ސަރަހައްދުތަކާއި އަދި މަރާމާތުކުރަންޖެހޭ ތަންތަން ދޮރުން ދޮރަށް ސަރވޭކޮށް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.
މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ސްޓްރަކްޗަރަލް އެސެސްމެންޓް ކުރިއަށްދާ މަސައްކަތްތައް ނިމެމުންދާ މިންވަރަކުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް އެފްޑީސީން ބުނެފައިވެއެވެ.
ޗައިނާ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ މި 704 ފްލެޓުގެ މަސައްކަތްކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގާ މި ސަރވޭގެ ސަބަބުން ފްލެޓްތަކުގެ މިހާރުގެ ހާލަތާއި ކުރިއަށް އޮތްތަނުގައި މަރާމާތުކުރަންޖެހޭނެ ކަންކަން ފާހަގަކުރެވިގެންދާނެއެވެ.