
ހުއްޓާނުލައިފިނަމަ، އެފަދަ ފަރާތްތައް ހައްޔަރުކޮށް މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ފާއިތުވި 30 އަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ފުރަތަމަ ޓާގެޓްކުރަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށާއި، އެކި ސަރަހައްދުތަކުގައި ތިބި ވިޔަފާރިވެރިންނަށް ފާރަލައި، ތަހުގީގުކޮށް، ހައްޔަރުކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރުވެސް މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރިކުރާ ބަޔަކު ހައްޔަރުކުރުމުގެ މަސައްކަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަޅުގަނޑު އިންޒާރުދެން އެކަންކަން ހުއްޓާލަން. ހުއްޓާނުލާނަމަ ހިފާ ހައްޔަރުކޮށް މި ރާއްޖެ ސާފުކުރާނަން" ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ހައްލެއް މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ގެންނާނެ ކަމަށެވެ. އަދި މިކަމަށް ފުރިހަމަ ބާރު ލިބިގެންދާނީ މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ގާނޫނު މަޖިލީހުން ފާސްވުމުން ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.