
މާޗު މަހު، ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ފެނުނު ބޯޓަކީ، މުތާ ޑައިމަންޑް ކިޔާ ބޯޓެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި ބޯޓުން 10 މީހުން ހައްޔަރުކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިޔާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.
މީގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށްފައި ތިބިއިރު، އޭގެ ތެރެއިން އެކަކު ކޯޓުންވަނީ ދޫކޮށްލާފައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މި ބޯޓުން ހައްޔަރު ކުރި މީހުންނަށް، ދައުލަތުން ވަކީލުން ހަމަޖައްސައިދީފައިވާއިރު، އެކަކު ދޫކޮށްލިކަންވަނީ ޔަގީން ކުރެވިފައެވެ. އަދި ބޯޓު ދޫކޮށްލުމާއެކު އެހެން ފަޅުވެރިންތަކަކާއެކު ބޯޓުން ފުރައިގެން ގޮސްފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވާހަކަ ދައްކާފައެއް ނުވެއެވެ.
ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު މި ބޯޓުން 10 މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗް މަހު އެވެ. އެ އެންމެންގެ ބަންދު މުއްދަތު އެކި ފަހަރު މަތިން އިތުރު ކުރިއެވެ. ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެ ބޯޓު ދުއްވާ އެޖެންސީން އެ މީހުންނަށް ވަކީލުން އެންމެ ފުރަތަމަ ހަމަޖައްސައި ދިން ނަމަވެސް ދައުލަތުން މިހާރު ވަނީ އެ މީހުންނަށް ވަކީލުން ހަމަޖައްސައިދީފަ އެވެ.
މި މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި ކުށަކީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް މައްސަލަ ތަހުގީގު ކުރި ފަރާތްތަކަށް ފާހަގަކުރެވިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ. އެކަމަކު މި ބޯޓު ދޫކޮށްލީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.