
ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި މަސްޖިދުއްނަބަވީގެ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގަތީ މިދިޔަ ހޯމަދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
އެމަނިކުފާނުގެ ދަތުރުގެ ތެރެއިން މިރޭ ވަނީ ސަލްމާން މިސްކިތުގައި މަގުރިބް ނަމާދު އިމާމެވެ ކުރައްވާފައެވެ. އަދި އިޝާ ނަމާދުވެސް ސަލްމާން މިސްކިތުގައި އިމާމްވެ ކުރައްވާ ޝައިހް ޑރ. ސަލާހުލް ބުދައިރުއެވެ.
އެމަނިކުފާނުގެ ފަހަތުހައި ނަމާދުކުރަން އެތައް ބަޔަކު މިރޭ ވަނީ ސަލްމާން މިސްކިތުގެ މަގްރިބު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެފައެވެ. މުޅި މިސްކިތް އޮތީ ފުރާލާފައެވެ. ޒުވާނުންނާއި ދުވަސްވީ މީހުންނާއި ކުޑަކުދިންނެވެ. އަދި ގިނަ އަދަދެއްގެ އަންހެނުންވެސް ވަނީ މި ޖަމާއަތުގައި ބައިވެރިވެފައެވެ.
މާދަމާރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނީވެސް ޝައިޚް ޑރ. ސަލާހުލް ބުދައިރުއެވެ. އަދި އިޝާ ނަމާދަށްފަހު އެމަނިކުފާނު ހާއްސަ ދަރުހެއް މަރުކަޒުގައި ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީވެސް ޑރ. ސަލާހުލް ބުދައިރުއެވެ.
ނަބަވީ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސް ޑރ. މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަޖިލީހާއި ބައްދަލުކުރައްވާފައެވެ.
ނަބަވީ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރު މި ދަތުރުފުޅަކީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގެންނެވި ފުރަތަމަ ފަހަރުއެވެ. އެންމެ ފަހުން ހަރަމްފުޅެއްގެ އިމާމަކު ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅު މަސްޖިދުއް ހަރަމްގެ އިމާމު ފަލީލަތުއްޝައިހު މުހައަމަދު އައްސުބައްޔިލެވެ.