
މި ޓްރޭނިން ޕްރޮގްރާމަކީ ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ކުރިމަތިވެދާނެ އިމަޖަންސީތަކުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައަޅާ ޕްލޭންތައް ޔުޓިލިޓީތަކުން އެކުލަވާލުމަށް މަގުފަހިކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ.
ރާއްޖޭގެ އާބާދީގެ 91 ޕަސަންޓަށްވުރެ ގިނަ މީހުން ދިރިއުޅޭ 133 ރަށެއްގައި ފެނުގެ ނިޒާމާއި 93 ޕަސަންޓަށްވުރެ ގިނަ މީހުން ދިރިއުޅޭ 144 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައިވާކަމަށް މިނިސްޓްރީން ބުނީއެވެ. ފެނާއި ނަރުދަމާގެ ނިޒާމުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީއިން ޑަބްލިއުއެޗްއޯ ގެ އެހީގައި ހާއްސަ ގައިޑްފޮތަކާއި ޓެމްޕްލޭޓްތަކެއް ތައްޔާރުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. މި ގައިޑްފޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެދާނެ ކުއްލި ހާލަތެއް ނުވަތަ ކާރިސާއަކަށް ތައްޔާރުވެ ތިބުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއި، ހިރާސްތައް ވަޒަންކުރުމާއި، އިސްލާހީ ފިޔަވަޅުތައް ދެނެގަތުން ހިމެނިފައިވެއެވެ. ފެނުގެ ކުއަލިޓީއާ ގުޅޭ މައްސަލަތަކާއި، ނަޖިސްފެން ލީކުވުމާއި، އުދައެރުން، ފެންބޮޑުވުން ފަދަ ކާރިސާތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ލިބިދާނެ ގެއްލުންތަކަށް މި ޕްލޭނުގައި އަލިއަޅުވާލާފައިވެއެވެ.