
ފުލުހުން ބުނީ މިއަދު ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާޢީލް ނަވީން ނޫސްވެރިންނާއި ބައްދަލުކުރާނެކަމަށެވެ.
މި ނޫސްވެރީންގެ ބައްދަލްވުން އޮންނާނީ ހެނދުނު 10:00 ގައެވެ. މި ބައްދަލުވުމުގެ ދައުވަތު ފުލުހުން ވަނީ ރޭ ނޫސްވެރީންނަށް ފޮނުވާފައެވެ.
އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު އިއްޔެރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު ސީރއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ މި ހާދިސާއާއިއ ގުޅިގެން ކުއްލިއަކަށް ނޫސްވެރިންނާއި އިއްޔެރޭ ބައްދަލުކޮށް އެ ހާދިސާގެ ބައެއް މައުލުމާތުތައް ހިއްސާކޮށްފައެވެ. މި ޕްރެސް އާއްމުކޮށް ހުޅުވާ ނުލާ ގެންދިޔައިރު އެތަނަށް ދިޔަ ނޫސްވެރިންނަށްވެސް މަންޒަރާއި އަޑު ރިކޯޑްކުރުންވެސް އޮތީ މަނާކޮށްފައެވެ.
ވެއްޓުނު އަންހެން ކުއްޖާގެ ވަނަވަރު ފުލުހުން ހާމަކުރި ނަމަވެސް ދެން މި މައްސަލާގައި ހިމެނޭ އެއްވެސް މީހެއްގެ ވަނަވަރު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އަންހެން ކުއްޖށާއާއި އެކު އުޅުނު ޒުވާނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ އޭނާ ބަދުއަހްލާގީ އަމަލު ހިންގާތަން ފެންނަ ވީޑިއޯ ހުރިކަމަށް ފުލުހުން ބުނިނަމަވެސް މިހާތަނަށް އޭނާ ހައްޔަޔަރުކޮށްފައެއްވެސް ނުވެއެވެ.
މި މައްސަލާގައި ފުލުހުން އަމަލުކުރަމުންދާ ގޮތާއި ގުޅިގެން ރޭ ވަނީ ގިނ އަދަދެއްގެ ޒުވާނުން ނުކުމެ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމަތީ ގައި ވަނީ އަޑު އުފުލާފައެވެ. އެ ޒުވާނުން ގޮވަމުން ދިޔައީ މައްސަލާގައި ދެން ހިމެނޭ މީހުން މޮޅުވުމުން އެމީހުން ރައްކާތެރި ނުކޮށް އެ އަންހެން ކުއްޖާއަށް އިންސާފު ހޯދާދިނުމަށެވެ.