
ކުޅިވަރާއި ބެހޭ ވުޒާރާއިން ފުރަތަމަ މި ބިލް އެކުލަވާލުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އެމަޖިލީހުގެ ކަމާއި ގުޅުން ހުރި ކޮމިޓީއިން ދިރާސާކުރުމަށްފަހު، ކުޅިވަރުގެ ސްޓޭކް ހޯލްޑަރުންގެ ހިޔާލު ހޯދުމަށް ހުޅުވައި ލެއްވިއެވެ. އެ ހިސާބުން، އެ ދިރާސާތައް ފައިނަލްކުރުމުގެ އިސް މޭސްތިރިންގެ ގޮތުގައި ތިބީ އޭރުގެ ރައީސްއާ ގާތްގުޅުމެއް އޮންނަ އަދި އެ ސަރުކާރުގެ ޔޫތް ކައުންސިލްގެ ޗެއަރކަންވެސް ކުރައްވާފައިވާ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހަންމަދު ޝަވީދު އާއި އަދި އޭނާގެ ވާގިވެރިވިންގެ ގޮތުގައި ތިބި އެމް.އޯ.ސީގެ ހިންގާ ކޮމިޓީގެ ބޭފުޅުންނާއި ގައުމީ އެސޯސިއޭޝަންތަކުގެ އިސްވެރިންނެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު ސްޓްރަކްޗަރ ކުރެވުނު ގޮތް
މިގާނޫނުގެ ބައްޓަމަކީ ކުޅިވަރު ދާއިރާތައް ކުރިއަރުވާ، އަދި ޑިމަކްރަޓިކް އުސޫލްތައް ކަނޑައަޅާ ތަންފީޒުކޮށް ތަރުތީބު ކުރުމުގެ ވިސްނުމާއި އެއްގޮތް ބައްޓަމަކެވެ. ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ރާއްޖޭގެ ކުޅިވަރު ޖަމިއްޔާތައް ކުރިއަރުވާ ފާރަވެރިވުމަށް ކުޅިވަރު ގައުމީ މަޖިލީހެއް އުފަންކުރުވައިގެންނެވެ. ކުޅިވަރުގެ އިދާރީ ކަންކަން އިންޓަނޭޝަނަލް ބެސްޓް ޕްރެސްކްޓިސްއާއި އެއްގޮތަށް ތަރުތީބުކޮށް ބެލެހުއްޓުމަށް ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަގާމެއްވެސް ކަނޑައަޅައިގެންނެވެ. އަދި މޯލްޑީވްސް އޮލިމްޕިކް ކޮމިޓީއަށް ގާނޫނުން ވަކި ބާބެއް ކަނޑައަޅާ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަކީ ގައުމީ މަޖިލީސްވެސް އަދި ކޮމިޝަނަރަރ އޮފް ސްޕޯރޓްސް ބާރު ނުފޯރުވޭނެ ޖަމާތެއްގެ ގޮތުގައި ކަނޑައަޅައި ފިސާރި އާރާބަރު ލިބިދޭ އިދާރާއެއްގެ ގޮތުގައެވެ.
ފުރަތަމަ މަރުހަލާގަވެސް ކުޅިވަރު ގާނޫނު ސިފަވެގެން ގޮސްފައިވަނީ މޯލްޑިވްސް އޮލިމްފިކް ކޮމިޓީއަށް ފަހާފައިވާ ކޯޓެއްގެގޮތުގައެވެ. ކުޅިވަރު ގާނޫނުން ފޮރުވިފައިވާ ބާރުވެރި ހިމާޔަތެއް އެމް.އޯ.ސީ އަށް ދެވިގެންދާ ހަމައަކުންނެވެ.
އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރު ގައުމީ ޖަމިއްޔާއަކާއި ދެމެދު ޤާނޫނީ ހަމައަކުން ތަފާތެއް އޮވެގެންނުވާނެ.
އޮލިމްޕިކް ކޮމިޓީގެ އިދާރާއެއް ދަރަޖަ ދިނުމުގައި އިންޓރަނޭޝަނަލް އޮލިމްފިކް ކޮމިޓީ (އައި.އޯ.ސީ) އިން ކަނޑައެޅިފައިވާ ހަމަތަކެއް އޮވެއެވެ. ކޮންމެ ގައުމެއްގައިވެސް ގާނޫނީ ހަމަތަކުން ރަޖިސްޓްރީވެފައިވާ ފަސް ގައުމީ ކުޅިވަރު ޖަމިއްޔާގެ ތާއިދު ލިބިގެން ނޫނީ އެ ގައުމެއްގައި އޮލިމްޕިކް ކޮމިޓީގެ އިދާރާއެއް އުފަންނުކުރެވޭނެއެވެ. ރާއްޖޭގެ ގާއިމްކުރެވިފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަކީވެސް މިހަމައިން ވުޖޫދު ކުރެވިފައިވާ އިދާރާއެކެވެ.
ދުނިޔޭގެ އޮލިމްފިކް ކޮމިޓީ އުފަންވެފައިވާ ގާނޫނީ ހަމައަކީވެސް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި، ދަރަންޏަށް ޒިންމާވުމާއި، އެ މުދަލުން ތަސައްރަފްކުރުމުގެ ހައްގު ލިބިގެންވާ، ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއްގެ ސިފަޖެހިގެންނެވެ.
މި އިދާރާވެސް ރަޖިސްޓްރީކުރެވިފައިވަނީ ސްވިޒަލޭންޑްގައި ޖަމިއްޔާތައް އުފެއްދުމަށް ކަނޑައެޅިފައިވާ "ސުވިސް ކޯޑްގެ މާއްދާ 60-79 ގައި ބަޔާންކުރެވިފައިވާ ހަމަތަކާއި އެއްގޮތަށެވެ. މިޖަމިއްޔާވެސް ސްވިޒަރލޭންޑްގައި އިންކޯޕަރޭޓްވެ އޮޕަރޭޓްކުރުމުގައި ސްވިސްކޯޑް އެއީ ގާނޫނީ ބެލެނިވެރި ފަރާތެވެ. ކަންމިހެން އޮތް އިރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގާނޫނު އަތް ނުފޯރާ ހަމައަކުން ކޮމިޝަނަރ އޮފީހުގައި ރަޖިސްޓްރީވުމެއް ނެތި، ކޮމިޝަނަރ ސްޕޯރޓްސްއަށް އެމް.އޯ.ސީގެ ގާނޫނީ ބެލެނިވެރިކަން ނެތުމަކީ ހައްހާސް މައްސަލައެއްކަން ފާހަގަކުރެވެ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީވެސް އޮވަރސީ ކުރެވޭނެ ގާނޫނީ އިދާރާއެއް ދިވެހިރާއްޖޭގައި އޮންނަންވާނެ
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި އަދި އެމް.އޯ.ސީ ކުޅިވަރު ގާނޫނުގެ ތެރެއިން ރެގިއުލޭޓް ކުރުމުގައި މިނަންވާނީ އެއްހަމައަކުންނެވެ. ދުނިޔޭގެ ގައުމުތަކުގައި އުފައްދާފައިވާ އޮލިމްޕިކް ކޮމިޓީތަކަކީވެސް އެ ގައުމެއްގެ ގާނޫނާއި ގަވާއިދުގައިވާ ހަމަތަށް ބޯލަންބާ ޑިމަކްރެޓިކް ހަމަތަކުން ރަޖިސްޓްރީކޮށް ހިންގާ މިނިވަން އިދާރާތަކަކެވެ.
އަޅުގަނޑުމެންގެ އައްވަޓެރި ގައުމުތަކުން މިސާލުނަންގަވާމާތޯއެވެ. އިންޑިޔާ، ސްރީލަންކާ، ނޭޕާލް، ޕާކިސްތާން، މިގައުމުތަކުގެ އޮލިމްޕިކް ކޮމިޓީތައް އެއީ އެ ގައުމުތަކުގެ ކަނޑައެޅިފައިވާ ގާނޫނޫތަކުގެ ދަށުން އުފައްދާ، އެއިދާރާތަކަށް ގާނޫނީ ބެލެނިވެރިކަން އޮތް ތަންތަނެވެ.
ތަންކޮޅެއް ދުރަށް ޖެހިލަމާތޯއެވެ. ކިރިކިސްތާން، އުޒްބަކިސްތާން، ކަޒަކިސްތާން، މި ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީގެ އިދާރާތަކީ އެ ގައުމުގެ ގާނޫނުތަކުގެ އަތްފޯރާ ހަމައިން ރަޖިސްޓްރީކޮށް ހަރަކާތްތެރިވެވޭގޮތަށް އުފައްދާފައިވާ އިދާރާތަކަކެވެ. މިނުކުތާގެ ބަހުސައްޓަކައި ރާއްޖޭގެ ގާނޫތަކުގެ ދަށުން އުފެދިފައިވާ މިނިވަން މުއައްސަސާތަކަށް ބަލާލާނަމެވެ. ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން، އެންޓިކޮރަޕްޝަން ކޮމިޝަން، ހިއުމަންރައިޓްސް ކޮމިޝަން ފަދަ ކޮމިޝަންތަކަކީވެސް މިނިވަންކޮށް އުފައްދާފައިވާ އިދާރާތަކެކެވެ. ނަމަވެސް މިއިދާރާތައް ކަންކަން ހިންގާ ގޮތްބަލާ ޖަވާބުދާރީ ކުރުވަން ރައްޔިތުން މަޖިލީހަށް ގާނޫނީ ގޮތުން ބާރުލިބިގެން ވެއެވެ. ދައުލަތުގެ މިފަދަ ހައިބަތު ބޮޑު މިނިވަން އިދާރާތައްވެސް ޖަވާބުދާރީ ކުރުވޭނެ މެކޭނިޒަމްތައް ރާއްޖޭގައިވެސް ކަނޑައެޅިފައިވާ އިރު، އެމް.އޯ.ސީ މިނިވަން ސަހުސެއްގެ ދަރަޖައަށް އެހާ ވަކާލާތުކޮށް ގާނޫނު އަތްނުފޯރާނެ ހަމައަކަށް ވިސްނުން ތިޔަ ގެންގުޅުއްވާނީ ކޮން އެޓޮނަމީ އެއްގެ ގެއްލޭތީތޯ މިހަމަ އުފެދޭ ސުވާލެކެވެ.
ކުޅިވަރު ގާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކުން އޮލިމްޕިކް ކޮމިޓީއަކީ މައުލާމާތޫ ހޯދާ ލިބިގަތުމުގެ ގާނޫނަށްވުރެއްވެސް މަތީން ހަރަކާތްތެރިވެވޭނެ އިދާރާއެކެވެ. އެހެންކަމުން ރާއްޖޭގެ ކުޅިވަރު ގާނޫނާއި އަދި ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު ވާރުތުނުވާ ސިފައެއް ޖެހޭގޮތަށް އޮތުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ހިލާފު އަދި ރާއްޖޭގެ ގާނޫނުތަކާއި ތައާރަޒުވާނޭކަމެއްކަން ދައުލަތު މިހާރުގެ ބަންޑާރަ ނާއިބަށް ފަހުވާނެކަން ކަށަވަރެވެ. ބަނޑާރަނައިބަކީވެސް ކުޅިވަރުގެ ތެރޭގައި މަސައްކަތް ކުރައްވާފައިވާ މިފަދަ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ދޯޅަ ބޭފުޅެއްކަން ގަބޫލް ކުރަމެވެ. ކުޅިވަރު ގާނުނަށްވުރެ މަތިން ހަރަކާތެރިވިއުޅެވޭނެ ސިފައަކަށް ގާނޫނު ސްޓްރަކްޗަރކޮށް ފާސްކުރުމަށް ރައްޔިތުން މަޖިލީހުންވެސް އެފުރުސަތު މިފަހަރު ނުދެއްވޭނެކަމަށް ބެލެވެ އެވެ.
ކުޅިވަރު ގާނޫނުގެ 51 ވަނަ މައްދާއަށް އެއްވެސް އިސްލާހެއް ގެންނަވަން ކުޅިވަރު ވަޒީރުގެ ސަމާލުކަމެއް ނެތް
މިމާއްދާގައި މިހާރު އޮތް ގޮތުން ކުޅިވަރު ގާނޫނުގެ ދަށުން ރަޖިސްޓްރީކުރާ އެއްވެސް ކްލަބް، ޖަމިއްޔާއެއް ނުވަތަ ފެޑެރޭޝަނެއް ނުވަތަ އެމް.އޯ.ސީ ގެ ހިންގާ ކޮމިޓީގެ މަގާމަކަށް ނުވަތަ މަސްއޫލުވެރި މަގާމަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެފަރާތް އަދާކުރާ ވަޒީފާއެއްގެ ހައިސިއްޔަތުން މަސްލަހަތު ފުށުއަރާ ހާލަތެއްގައި ހުރި އެއްވެސް ފަރާތަކަށް އެފަދަ މަގާމަކަށް ކުރިމަތި ލުމުގެ އިހްތިޔާރު ލިބިގެން ނުވެ އެވެ.
މި މާއްދާ އަކީ އުސޫލީ ހަމަތަކުން އިންޓަނޭޝަނަލް ކުޅިވަރު ޖަމިއްޔާތަކުގެ ގަވާއިދާ ފުށުއަރާ މާއްދާއެއްކަން ފާހަގަ ކުރަމެވެ. ދުނިއޭގެ ގިނަ ގައުމުތަކުގައި އެމް.އޯ.ސީ އަދި ގައުމީ ފެޑެރޭޝަންތަކުގައި ވަޒީރުން ފެންވަރުން ފެށިގެން އެ ގައުމުތަކުގެ މަސްލަހަތު ފުށުއަރާނެކަމަށް ބެލެވޭ ވަރަށް އިސް ބޭބޭފުޅުން ހިންގާކޮމިޓީތަކަށް އިންތިހާބު ކުރެވިފައިވާކަމީ މިއަދުގެ ހަގީގަތެވެ.
މިއީ އިންޓަނޭޝަނަލް އޮލިޕިކް ޗާޓަރާއި ހިލާފުވާކަމެއްވެސް ނޫނެނެވެ. ރާއްޖޭގެ ކުޅިވަރު ގާނޫނުގައި މިމައްދާ އޭގެ ޒާތުގައި ދިރި އޮތްހާ ހިނދަކު ރާއްޖޭގެ އެއްވެސް ގައުމީ އެސޯސިއޭޝަނެއްގެ ނުވަތަ އެމް.އޯ.ސީ ގެ ހިންގާ ގަވާއިދާ އެއްގޮތަށް ފުރިހަމަ ހިންގާ ކޮމިޓީއެއް އެކުލަވާލުން އެއީ ކުރެވޭނެ ކަމެއްނޫނެވެ. ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ ހިންގާ ކޮމިޓީއަށް މީހުން އައްޔަނުކުރުމުގެ ފުރިހަމަ އިހްތިޔާރު އަސާސީ ގަވާއިދުން ދެވިފައިވަނީ އެ ޖަމިއްޔާއަކަށް ނިސްބަތްވާ މެންބަރުންނަށެވެ. ހިންގާ ކޮމިޓީއަށް ނޮމިނޭޓް ކުރާނެ ފަރާތެއް އިހްތިޔާރު ކުރުމުގެ ފުރިހަމަ ބާރު އެއީ އެ ޖަމިއްޔާއަކަށް ނިސްބަތްވާ މެންބަރުންނަށް ލިބިފައިވާ ފުރިހަމަ ހައްގެކެވެ. އެ މިނިވަން ޑިމަކްރަޓިކް ހަމައަށް ފުށުއަރާ ބީދައިން ގާނޫނަކުން އެކަން މާނާވެފަ އޮތް އިރު، މިކަން ކުޅިވަރު ވަޒީރުގެ ސަމާލުކަމަށް ނައުންމީ ހަމަ ހަގީގަތުގައިވެސް ވަރަށް ސުވާލު އުފެދޭކަމެކެވެ.
މިހެންބުނުމުގެ ސަބަބެއްވެސް އެބައޮތެވެ. ނޫސްތަކުން ހާމަވިގޮތުގައި މިއޮތީ އެމް.އޯ.ސީގެ އިންތިހާބަށް ހުޅުވާލާފައެވެ. އެމް.އޯސީގެ ހިންގާ ކޮމިޓީއަށް މެމްބަރުން ނޮމިނޭޓް ކުރުމުގެ ހައްގު ލިބިގެން އޮތީ އެ އިދާރާގެ މެމްބަރުންނަށެވެ. ފަހަރުގައި އެއިދާރާގެ މެމްބަރު ގައުމީ އެސޯސިއޭޝަނަކުން ހުށައަޅާ ފަރާތަކީ އެ ގައުމީ އެސޯސިއޭޝަންގެ ރައީސް ނުވަތަ ހިންގާ ކޮމިޓީގެ މެމްބަރަކަށް ވުމަކީ އެކަށިގެންވާ ކަމެކެވެ.
މިހާލާތުގައި ކުޅިވަރު ގާނޫނުގެ 51 ވަނަ މާއްދާ އަރާ ހަމަނުކުރާނެތޯއެވެ. އަދި ގައުމީ ކުޅިވަރު ޖަމިއްޔާއެއްގެ އިސްމަގާމަކަށް ކުރިމަތިލާނެ ފުރުސަތު ރައްޔިތުން މަޖިލިސް މެންބަރަކަށް ލިބިދޭ ހިނދު، އެ މަގާމާ އެފަދަ މެމްބަރަކު ކުރިމަތި ލުމުން 51 ވަނަ މާއްދާގައި އެބުނާ މަސްލަހުތު ފުށު ނާރާނެތޯ އެވެ. މިއަށްވުރެ ބޮޑަށް މަސްލަހަތު ފުށުއަރާނެކަމެއް އެބައޮތްތޯ އެވެ.
ކަންކަން ނުކުރެވިގެން މިއުޅެނީ ކުޅިވަރު ގާނޫނުގައި މައްސަލަ ހުރެގެން ތޯއެވެ. ނޫނީ ކުޅިވަރު ގާނޫނު ތަންފީޒު ކުރުމަށް ނުކުޅެދެނީތޯއެވެ. ނުވަތަ ކުރިންވެސް އުފެދުނު ފަދަ ނުފޫޒުގަދަ އިބްރަހިމްވިޗްގެ ދެވަނަ ހިޔަންޏެއްގެ މިފަހަރުގެ ވަޒީރަށްވެސް ފެންނަނީތޯއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމީޓީއިން މިހާ ބާރުވެރިކަމެއް ހޯދައި ކޮންމެ ފަހަރަކުވެސް ގާނޫނަށް އިސްލާހުގެނައުމުގައި މިފަހުގެ ކޮންމެ ވަޒީރެއްވެސް އަވަދިނެތި ތިޔަ އުޅުއްވާ ސަބަބެއް ނޭގެއެވެ. ކުޅިވަރު ވަޒީރަކަށް ހުންނަވާ ބޭފުޅާ ސައިތަށި ހޫނިއްޔާ ހޫނުކަން ސާފުކޮށް ވިދާޅުވާށެވެ. ތަލި ފިއްސަވައިގެން ނުބައްލަވާށެވެ. ކުޅިވަރު އެއީ ކުޅިވަރެއް ކަމަށް ނުހައްދަވާށެވެ.
އެޑިޓަރުގެ ނޯޓު:
ޝާހު އިސްމާއީލް (ސާޔާ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅުނު، ދަނޑުމަތީގައި ސާޔާގެ ނަމުން މަޝްހޫރުވި ޝާހުއަކީ، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދިން ފަހުރުވެރި ޓީމުގެ ކެޕްޓަންއެވެ. ޝާހުވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓްރީ އަދި ވެލެންސިޔާއަށް ކުޅެ އެ ކްލަބުތަކާއެކު އެތައް ކާމިޔާބެއް ހޯދާފައެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން 2000 ވަނަ އަހަރު، އާއްމު ހިދުމަތަށް ހިއްވަރު ދިނުމުގެ އިނާމް ޝާހް ހާސިލްކޮށްފައިވެއެވެ.
ކުޅުން ހުއްޓާލުމަށް ފަހު ޝާހު ދެން ކުރިއަށް ދިޔައީ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައެވެ. ފުޓްބޯޅައިގެ އިދާރީ ހިންގުންތެރިއެއްގެ ގޮތުގައި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީކަން ކުރުމުގެ އިތުރުން، ޝާހްއަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެންމެ ސީނިއަރ އެއް މެޗު ކޮމިޝަނަރެވެ. ޝާހުއަކީ ބައިނަލް އަގްވާމީ ފެންވަރުގައި ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާކާރެކެވެ.