ads
ކުށުގެ ސަޒާ - 14 ވަނަ ބައި
އެޕިސޯޑް 14
Advertisement

ހަރުކަށިކަމާއެކު ފިޒާ ބުނެލި ޖުމުލައިން ތާބިޝްއަށް ލިބުނީ ޝޮކެކެވެ.

"ފިޒާ.. އެކަމަކު.." ތާބިޝްގެ ޖުމުލަ ނިންމާން ފިޒާ ފުރުސަތެއް ނުދިނެވެ.

"މިކަން ކޮށްދޭނަންތޯ ނޫންތޯ އަހަރެން ސުވާލުކުރީއެއް ނޫން..! އަހަރެން މި އެންގީ މިކަން ކުރަން..!!  ކުރިއަށް އޮތް ސައުވީސްގަޑީރު ތެރޭގައި އަހަރެންގެ މި ކޮޓަރީން، މިހުރިހައި ފޮޓޯއެއްޖެހޭނީ ނެރި ބޭރުކުރަން..!" ފިޒާގެ އަޑުގައި ހުރި ހުރިހައި ބާރެއްލާފައި އަމުރުކޮށްލިއިރު އޭނާގެ ކޯ ކަށިގަނޑުން އަޑުކިޔާވަރުވެއްޖެ އެވެ. 

ކިތަންމެ ހަރުކަށި އަމުރަކައްވިޔަސް، ފިޒާއަށް ޖަވާބުދިނުމުގެ ގޮތުން ތާބިޝްގެ ބޯ ދެފަރާތަކަށް ހޫރުވާލި މަންޒަރު ފެނުމަކީ ފިޒާއަށް ލިބުނު ޝޮކެކެވެ. އިތުރަށް ރުޅިގަދަވެ، ފިޒާގެ ނޭފަތް ފިނިފެންމާ ކުލައަށް ބަދަލުވުމަށް މިނެޓެއްވެސް ނުނެގި އެވެ. އިންކާރުކުރަން ނުކެރޭނެކަމަށް ބަލާފައި ފިޒާ އެންގި އެންގުމަށް ތާބިޝް ދެކޮޅުހެދުމަކީ ފިޒާގެ މަގްސަދަށް އަނެއްކާވެސް އެޅުނު ބޮޑު ހުރަހެކެވެ.

މޫނަށް ވައްތަރެއް ޖައްސާލާފައި ތާބިޝް ފިޔަވަޅުނެގީ ފިޒާއާއި ގާތަށެވެ.

"މިފޮޓޯތަކަކީ އަހަރެންގެ އަނބިމީހާއަށްޓަކައި އޮތް ލޯބީގެ ނިޝާނެއް..! މިއީ އަހަރެންގެ ލޯބިވާ އަނބިމީހާގެ ވަރަށް ބޮޑު އުއްމީދެއް..! އަހަރެންގެ ހަޔާތަށް އޭނާ އެނބުރި އައިސް، މި ފާރުގައި މި ހުރި ފޮޓޯތަށް ގެނުމަށް އަމުރުކުރި ދުވަހަކުން، ނުވަތަ އެކަން އެގޮތަށް ކުރާން އޭނާ ބޭނުންވެގެން އެދުނު ދުވަހަކުން އަހަރެން އެކަން ކޮށްދޭނަން.. އެނޫން ގޮތަކަށް ތިޔަ ފާރުން ހަމައެންމެ ފޮޓޯއެއްވެސް ނައްޓާނުލާނަން..! މިއީ އަހަރުމެންގެ  ލޯބީގެ އުފާވެރި ހަނދާންތައް..! ތިޔަ އަމުރުކުރި ކަންކަން ކުރުމުގެ ހުއްދަ މި ދުނިޔޭގެ ހަމަ އެންމެ އިންސާނަކަށްވެސް އަހަރެން ނުދޭނަން.. އުއްމީދެއްގެ ގޮތުގައި އެދިފައިވާތީ އަހަރެންގެ އަންހެނުންނަށް ކޮށްދެވުނު ހަމައެކަނި ކަމަކީ މިއީ.." ފާރުގައި ހަރުކޮށްފައި ހުރި ފިޒާގެ ފޮޓޯތަކުގައި ފިރުމާލާފައި ތާބިޝްގެ ނިންމުން ބުނެލި އެވެ. 

ފިޒާ ބުނާނެ ނުވަތަ ބުނެފާނެ އެއްޗަކަށް ބެލުމެއް ނެތި ކޮޓަރީން ނިކުތުމަށް ތާބިޝް ދިޔައީ ބާރު ހިނގުމުގަ އެވެ. ކަރުނަ ފޮހެލީ ހިތަށް ނުހަނު އަސަރުކުރީތީ އެވެ.

"ލޯބިވާ އަނބިމީހާގެ އުއްމީދު..!؟ އަނބިމީހާއަށްޓަކައި އޮތް ލޯބީގެ ނިޝާން...، އަހަރެންގެ ހަޔާތަށް އޭނާ އެނބުރިއައިސް...؟؟؟" ތާބިޝްގެ ޖުމުލަތަކުން ފިޒާގެ ސިކުނޑީގައި ހަރުލި ބައެއް އިބާރާތްތައް އޭނާގެ ދުލުން ތަކުރާރުކުރި އެވެ. އެއަޑުތަށް ކަންފަތުގެ ހިނދުރީގައި ގުގުމާލި އެވެ.

"މަޑުކުރޭ..!!!" ވަރަށް ބާރަށް ފިޒާ ގޮވާލި އެވެ. ތާބިޝްގެ ދެކަންފަތުގައި އަތް އެޅީ ފިޒާގެ އަޑު ގަދަކަމުން އުނދަގޫވީމަ އެވެ. ނަމަވެސް ހުރި ފިޔަވަޅުމަތީގައި ހުއްޓުމުގެ ކުޑަވެސް ޝައުގުވެރިކަމެއް ނެތެވެ. 

"ލޯބިވާ އަނބިމީހާއާއި، ލޯބީގެ ނިޝާނާއި، އޭނާގެ އުއްމީދުތަކާއި، އޭނާ އެނބުރިއައުމާ، މިކަންކަމަކީ ތާބިޝްގެ ހިޔާލީ ވަހުމްތަކެއް..! ތިޔަބުނާ ލޯބިވާ އަނބިމީހާ، ދުވަހަކުވެސް ތާބިޝްގެ ހަޔާތަށް އެނބުރި ނާންނާނެ.. އަލުން އޭނާ ބޭނުންވެގެން ތާބިޝް ބޮޑާތިހާކަނީ ކީއްވެ..؟ ތާބިޝްގެ ގެއާއި ތާބިޝްގެ ހަޔާތުން އޭނާ ނެރި ބޭރުކުރީ ތާބިޝް ބޭނުންވެގެން އަމިއްލަޔަށް ނޫންތަ..؟" 

ފިޒާގެ ކަރުނައިގެ ތެރެއިން އޭނާ ވާހަކަދެއްކީ އަސަރާއެކު އެވެ. 

ދެ ލޮލާއި ކޯތާފަތް ފޮހެލިތަނާ ފިޒާގެ ލޮލުގައި އަޅައިގަތީ ކުޑައިރުކޮޅެއް ކުރީން، ތާބިޝް ގެނެސް ބެހެއްޓި ތަބަކެވެ. ލަސްތަކެއް ނުކޮށް، ތަބަކުގައި ހުރި ތަށިތަކުގެ މަތި ނެގި އެވެ.

ކޮންމެ ތައްޓެއްގައިވެސް ހުރީ ފިޒާއަށް އެންމެ ކަމުދާ، ފިޒާ އެންމެ ކާހިއްވާ ބާވަތްތަކެވެ. ވަކިވަކިން ތަށިތތަކަށް ބަލައިލަމުން ފިޒާގެ ސިކުނޑީގައި އަޒުމެއް ކަނޑައެޅި އެވެ. ކިތަންމެ މަޅިއެއް ޖެހިޔަސް، އެއިން މަޅިއެއްގައި ފިޒާ ނުބެދޭނެ އެވެ. ކިތަންމެ އެއްޗެއް ކައްކައިގެން ގެނެސް ކޮޓަރިއަށް ލިޔަސް، އެއިން އެކަށްޗެއްވެސް ފިޒާ ނުކާނެ އެވެ. ދެ ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ސަބަބެއް މިވަގުތު ވިސްނައިގަންނާކަށް ފިޒާއަކަށް ނޭގުނެވެ. ހިތަށް އަސަރުކޮށް، މޭގައި ރިހުމެއް އުފެދުނީ ކީއްވެކަންވެސް ފިޒާއަކަށް ނޭގުނެވެ. ހިތާއި ދެކޮޅަށް ނަމަވެސް ތަބަކަށް ފުރަގަސްދިނުމަށް އެނބުރެލި ވަގުތު ލޮލުގައި އަޅައިގަތީ ތަބަކުގައި އޮތް، ލައްޕާލާފައއިވާ ނޯޓެކެވެ.

ނޯޓް ނަގާފައި ހުޅުވާލި އެވެ. އެއީ ތާބިޝްގެ އަތުލިޔުމެވެ. ސިކުންތެއްވެސް އިސްރާފުނުކޮށް ލިޔުން ކިޔާލި އެވެ.

'އަހަރެން މި ގެނައި ކާނާގެ ތެރެއިން އެންމެ އެތިކޮޅެއްވެސް ފިޒާ ނުކާނެކަން އަހަންނަށް ޔަގީނެވެ. އެކަމަކު އަހަރެންގެ ނަސޭހަތަކީ، މި ކާނާ އިސްރާފުނުކޮށް ކާލާށެވެ. އަހަންނާއި ޒުވާބުކުރުމަށާއި ހަނގުރާމަކުރުމަށް ފިޒާއަށް ހަކަތަ ބޭނުންވާތީ އެވެ. ހަކަތަ ލިބޭނީ ރަގަޅު ކާނާއިންނެވެ. ފިޒާއަކީ ތިހައި އަވަހަށް ފެޔަށްޖަހައި އުއްމީދު ކަނޑާލާނެ ކުއްޖެއްކަމަށް އަހަރެން ހިޔެއް ނުކުރަމެވެ. ފިޒާގެ އުއްމީދާއި ހަމައަށް ދަތުރުކުރުމަށް، ކަޑައްތުކުރަންޖެހެނީ ދުރު ރާސްތާއެއްކަން ހަނދާންކުރާށެވެ. އަހަރުމެންގެ މަންޒިލްވަނީ ނުހަނު ދުރުގަ އެވެ. އެ މަންޒިލުން އަހަންނާއި ފިޒާ ބައްދަލުކުރާނެކަން، އަހަންނަށް ޔަގީނެވެ. މުޅި އުމުރު މި އިންތިޒާރުގައި ހޭދަކުރާންޖެހުނަސް، ހަމަ އެންމެ ކުރީގެ ހާއްސަ ޖާގައިގަ އަހަރެން މަޑުކުރާނަމެވެ. ހަމައެކަނި ފިޒާގެ އިންތިޒާރުގަ އެވެ.

ހަމައެކަނި ފިޒާގެ ތާބިޝް'

ގިސްލުމުގެ އަޑުން ފިޒާގެ ކަންފަތަށް އުނދަގޫވި އެވެ. ރޯން ބޭނުމެއް ނޫނެވެ. އަމިއްލަ ދެ ލޮލުގެ ކަރުނައެއް ނުހިފެހެއްޓުނެވެ. ތާބިޝް ލިޔެފައިވާ ލިޔުން، ތަކުރާރުކޮށް ފިޒާ ކިޔައިލި އެވެ. ތާބިޝްގެ ލޯބީގެ ކުރިމަތީގައި ފިޒާގެ އަޒުމާއި ގޮތްދޫނުކުރުން ފަނޑުވެއްޖެ އެވެ. ދުވެފައި ގޮސް ތާބިޝްގެ އަތުތެރޭގައި ބޮނޑިވެގަންނާން ބޭނުމެވެ. ނަމަވެސް އެކަން ކުރަންވެސް ހިތް މަޖުބޫރުކުރަނީ އެވެ. ދެ ކޯތާފަތް ފޮހެލަމުން ތާބިޝް ގެނައި ތަކެތި އަވަސްއަވަހަށް ފިޒާ ކާންފަށައިފި އެވެ.

ރަގަޅަށް ނުލެއްޕި ހުރި ދޮރުގެ ހަނި ދޭތެރެއިން މިހުރިހައި މަންޒަރެއް ތާބިޝް ބަލަމުންދިޔަކަމެއް ފިޒާއަކަށް ނޭގެ އެވެ. ހިނިތުންވަމުން ތާބިޝްގެ ދެ ކޯތާފަތް ފޮހެލީ ލިބުނު ކާމިޔާބުގަ އެވެ.

.......................

ޖެހިގެން އައި ދުވަހުގެ ހެނދުނު ފިޒާގެ ލޯ ހުޅުވުނީ މުޅިން އައު ދުވަހަކަށް، މުޅިން އައު އިހްސާސްތަކަކާއެކު އެވެ. އާ ގެއެކެވެ. އާ ކޮޓަރިއެކެވެ. ކުރިމަތިލާންޖެހޭނީ ތަފާތު މާހައުލަކާ އެވެ. ފަތިސްނަމާދުގެ ބަންގިއާއެކު ކަންނެއްކަން އެއްފަރާތްކޮށް އެނދުން ތެދުވެ، ނަމާދަށް އެރި އެވެ. ކޮޓަރީން ނިކުތުމުގެ ޝައުގުވެރިކަމެއް ނެތުމުން، ފޯނު ހިފައިގެން އިށީނީ ގުރުއާން ކިޔަވާލާށެވެ.

ގޭތެރޭގެ ހަލަބޮލިކަމުގެ އަޑު ފިޒާގެ ކަންފަތުގައިޖެހުނީ ލިބުނު އަމާންކަމެއްގެ ގޮތަކު ނޫނެވެ. ނަމަވެސް އެގެއަށް އައީ ކޮން  އަޒުމެއްގައިކަން ހަނދާންވުމުން، ތައްޔާރުވެލައިގެން ގޭތެރެއަށް ނިކުތެވެ. 

ތާބިޝްއާއި އޭނާގެ އާއިލާ، ސުފުރާމަތީން ފެނުމުން ފިޒާގެ ފިޔަވަޅަށް ހުއްޓުން އެރި އެވެ. ތަންކޮޅެއް ދުރުގައއި މަޑުކޮށްލީ އެމަންޒަރު ދިރާސާކޮށްލުމަށެވެ. އެތަނުގައި ނެތީ އެންމެ މީހެކެވެ. އެމީހެއްގެ ހީލަތްތެރި ވިހަ ރޭވުމުން ފިޒާގެ މުޅި ދިރިއުޅުން ސުންނާފަތިކޮށްލި މީހާ އެތަނުގައި ނެތީ ކީއްވެތޯ ސުވާލު އުފެދުނެވެ. އެއީ ބަތްޝަބާ އެވެ! ހިތްބިރުގަތަސް، މިވަގުތު ފަސްއެނބުރި އައި ކޮޅަށް ދިއުމަކީ ފިޒާއަށް އޮތް އިހްތިޔާރެއް ނޫނެވެ. ފިޒާގެ ހިޔާލްގެ ދުނިޔޭގައި ކުރަމުންދިޔަ ދަތުރުގެ އޮއެ ބަދަލުވީ ކުއްލިޔަކަށް އެ މަންޒަރުން ފެނުނު ބިރުވެރި ސޫރައެއްގެ ސަބަބުންނެވެ.

ލިބުނު ޝޮކްގައި ދެ ލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. މާޒީގެ ބިރުވެރި އެ ހާދިސާތަށް ފިޒާގެ ލޯކުރިމަތީގައި އެނބބުރިގަތެވެ. ނިއްކުރިން ދާބޮކިތައް ހިލުވާލައި އަތްފައިގެ އިނގިލިތައް ތުރުތުރުއަޅަންފަށައިފި އެވެ. ނޭވާލުމަށް ދަތިވެ، ހާސްވެ މުޅި މީހާ ތުރުތުރު އަޅަންފަށައިފި އެވެ. މޭގައި ރިހެންފެށީ ކެތްނުކުރެވޭ މިންވަރަށެވެ. ބޮލަށް އެނބުރުން އަރައި މޫނުމައްޗަށް އަނދިރިވެއްޖެ އެވެ. ހަށިގަނޑު އަރިއަޅައިލަނީކަން އިހްސާސްވުމާއެކު ގާތުގައި ހުރި މޭޒުގެ ކަނެއްގައި ފިޒާ ހިފެހެއްޓި އެވެ. 

ކަންފަތުގައި ގުގުމަންފެށީ ބިރުވެރި، ރަހުމުކުޑަ އަޑެކެވެ. އެއީ ދުވަހަކުވެސް ފިޒާ ހުޅުވާން ބޭނުންވި ސަފްހހާއެއް ނޫނެވެ. ނަމަވެސް އޭގެ އަމިއްލަ ބާރުގައި ހުޅުވިފައިވާ ސަފްހާއެއްގެ ގޮތުގައި އެއޮތީ ފިޒާ ކުރިމަތީގައި ހާމައަށް ފެންނާށެވެ.

"ފިޒާ، ހަގީގަތް ފޮރުވަން ތިއުޅެނީ ކީއްވެ..؟ އިންތިހާއަށް އަހަރެން ފިޒާދެކެ ލޯބިވަން.. ފިޒާ އަހަރެންދެކެ ލޯބިވޭ.. ދެން މީގައި ސިއްރުކޮށް ފޮރުވަން އޮތީ ކޯންޗެއް؟ އަހަރުމެން ދެމީހުން ދެމެދުގައިވަނީ ސާފު ގުޅުމެއް..! އެމީހުންނަށް، އަހަރުމެން ދެމީހުން މިގޮތަށް ފެނުނަސް އެއީ މައްސަލައެއް ނޫން.. ބިރުނުގަނޭ ފިޒާ..! ލޯބި ވުމަކީ ކުށެއް ނޫން.. ލޯތްބަކީ ހެޔޮ،ނުބައި އޮންނަ އެއްޗެއްވެސް ނޫން..!" ޖެހިލުމެއް ނެތި އޭނާ ބުނެލި އެވެ.

"ފިޒާ...! މީނަ މިކިޔަނީ ކޯންޗެކޭތަ..؟ މީނަ މިތަނުގައި މިއޮތީ ކީއްވެތަ..؟" ރުޅިއައިސް ރަތްވެގެން ތާބިޝް ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ. އަޑުގެ ކޮޅަށް ފިޒާ ރޮއެގަތީ ގަތްބިރުންނެވެ. 

"ތާބިޝް.. ތާބިޝް.. އޭނާ އެހަދަނީ ދޮގު..! އޭނަ އެކިޔާ ކަހަލަ އެއްވެސް ކަމެއް ނުހިނގާ..! އަހަންނަށް އިތުބބާރުކުރޭ ޕްލީޒް ޕްލީޒް ތާބިޝް..!" ކަރުނައިން ފުރިފައިވާ ފިޒާގެ ދެ ލޯ ތާބިޝްއަށް ފެނުނެވެ.

އިސްޖަހައިލެވުނީ ފެންނަމުންދިޔަ މަންޒަރުތަކުން ހިތް ކުދިކުދިވީތީ އެވެ. ތާބިޝްގެ ލޮލުން ފިޒާއަށް ފެނުނީ، ރިހުމާއި ހިތްދަތިކަމެވެ. ނާއުއްމީދާއި ޝަކުވާ އެވެ.

"މެޑަމް.. ފިޒާ މެޑަމް..!" މީހަކު ފިޒާގެ ކޮނޑުގައި މަޑުމަޑުން ދެތިންފަހަރު ޖަހައިލުމުން ސިއްސައިގެން ގޮސް ތެޅިގަތެވެ. ބިރުވެރި މާޒީގެ މަންޒަރުތައް ފަރުދާގެ ތެރެއަށް ވަދެ، ގެއްލިއްޖެ އެވެ.

"ހައހް..!!" ބުނާނެ އެއްޗެއް ދުލަށް ނައުމުން ފައިދޮށަށް ބަލައި އެސްފިޔަތައް އަވަސްއަވަހަށް ތަޅުވާލި އެވެ. ލިބުނު ޝޮކްގެ ތެރެއިން ފިޒާއަށް އަދިވެސް ނުނިކުމެވެނީ އެވެ.

"އާރ ޔޫ އޯކޭ މެޑަމް..؟" ފިޒާގެ ހާލަތު ފާހަގަކުރެވުމުން ގޭގައި އުޅޭ ހާދިމަކު ސުވާލުކުރި އެވެ. ބޯ ޖަހައިލަމުން ފިޒާގެ ނިއްކުރި ފޮހެލި އެވެ. ލުއިގޮތަކަށް ހިނިތުންވެފައި ހާދިމް އެތަނުން ހިނގައްޖެ އެވެ. އިސްޖަހައިލަމުން ހިންދިރުވާލާފައި ފިޒާގެ ދެ  ލޯ މަރައިލީ ހިތްވަރު ލިބިގަތުމަށެވެ. ހަށިގަނޑު ސީދާ ކޮށްލާފައި ފިޒާ އޭނާއާއި ދިމާއަށް ބަލައިލި އިރު، ދެ ލޮލެކޭ އަނގުރުއަލިފާނެކޭ ތަފާތެއް ނެތެވެ. ނޭފަތާއެކު ފިޒާގެ މުޅި މޫނު ރަތްވެއްޖެ އެވެ. ކުރިމަތީގައި ހުރީ ފިޒާގެ މުޅި ހަޔާތަށް އައި އެންމެ ބޮޑު ތޫފާނުގެ ބިޔަބޮޑު ރާޅެވެ. ދެވަނަ ފަހަރަށް ފިޒާގެ ބޯމައްޗަށް އެ ރާޅު ބިންދާލުމަށް އޭމާ ފުރުސަތެއް ނުދޭނެ އެވެ.

"ރައުދު ޒިލާލް" ދުލުން ނަމެއް ކިޔުމުން މީހެއްގެ ފުރާނަ ދާނެނަމަ، އެ ސިކުންތުގައި ރައުދު ޒިލާލްގެ ފުރާނަ ނެތް މަސްގަނޑު ބިންމައްޗަށް ވެއްޓުނީހެވެ. ދަތްކުނޑިވިކާލާފައި ފިޒާ ހިންދިރުވާލި އެވެ. މަލާމާތުގެ ހިންޏެއް ފިޒާގެ މޫނުމަތީގައި ދުވެލަން ހިނދުކޮޅެއްވެސް ނުނެގި އެވެ. 

"ހެއި..!" އެތަނުގައި ހާޒިރުވެތިބި އެންމެންގެ ސަމާލުކަން ހުއްޓުނީ ފިޒާ އަށެވެ. 

ސަވާނާއާއި ކަޔާންގެ ހިނިގަނޑު ކޮންޓްރޯލްކުރަމުން، ސަމާލުކަން ހުއްޓުވާލީ އެމީހުންގެ ކޮއްތު އަޅާފައިވާ ތައްޓަށެވެ. ނިއްކުރީގައި ބާރަށް ހިފަހައްޓާލަމުން ތާބިޝް އިސްޖަހައިލި އެވެ. ނަމަވެސް ލިބުނު ޝޮކްގައި އަނގަހުޅުވި، ދެ ލޯ ބޮޑުވެފައި ތިބި ދެމީހަކު އެތަނުގައި ތިއްބެވެ. މުހައްމަދު އަހްސަންއާއި ރައުދު ޒިލާލް އެވެ.

އެންމެންގެ ކުރިމަތީން ފަރި ހިނގުމެއްގައި ހިނގާލާފައި އައިސް ފިޒާ އިށީނީ ތާބިޝްއާއި ޖެހިގެން އިން ގޮނޑީގަ އެވެ. ވަގުތުން ތަށި ނަގައި އޭނާ ބޭނުންވާ ބާވަތްތަކުން ފިޒާ ތަށި ފަޅުފިލުވާލައިފި އެވެ. އަނގަހުޅުވިފައި ތާބިޝްއިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ.

"ފިޒާ" ވައިއަޑުން ކަހަލަ ގޮތަކަށް، މުހައްމަދު އަހްސަން ފިޒާގެ ނަން ކިޔާލި އެވެ. އިވުނު އަޑާއެކު ތާބިޝްގެ ބައްޕައާއި ދިމާއަށް ބަލައިލުމަށްފަހު ހަމަ އެސިކުންތުގައި ފިޒާ އިސްދަށަށް ޖަހައިފި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް