
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި އިޒްދިޔާން މުހައްމަދު މައުމޫން މިއަދު ވަނީ ވަކިކޮށްފައެވެ. އޭނާ މިއަދު މަގާމުން ވަކިކުރީ އޭނާ ޕާޓީކުރާ ކަމަށް ބެލެވޭ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ފުރާޅު މަތިން ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން މިއަދު ވަނީ އެރޭ އޭނާއާއި އެކު މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކުރި މީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އޭގެތެރޭގައި އިޒްދިޔާން މުހައްމަދު މައުމޫން ހިމެނެެއެވެ.
އިޒްދިޔާންއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. އަދި އެ ރޭ ޕާޓީ ކުރި ކަމަށް ތުހުމަތު ކުރެވެނީ އަމީންމެންގެ އާއިލީގެ, މއ. މާންދޫގޭދެކުނުގޭގައެވެ. އިޒްދިޔާންގެ ވެސް ރަޖިސްޓްރީ އޮންނަނީ އެގޭގައެވެ.
ފުލުހުން މިއަދު އާއްމުކުރި މައުލޫމާތުތަކުން ފެންނަ ގޮތުގައި އިޒްދިޔާންގެ މަސްތުވާތަކެތީ ރިކޯޑް އޮތެވެ. އެގޮތުން 2015 އިން 2017 އަށް މަސްތުވާތަކެތީގެ މައްސަލައިގެ ރެކޯޑް އެނާގެ އޮތްކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން ރައީސް އޮފީހުން އޭނާއަށް އިސްމަގާމެއް ދީފައިވަނީ އޭނާގެ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮއްވައެވެ.