ads
ސޭވް އެފްއޭއެމް މޫވްމެންޓްގެ ބައިވެރިން ނޯމަލައިޒޭޝަން ކޮމިޓީއާއެކު
ގަޔާދުރަށްކުޅެ ބައިކޮޅަށް ގޯލްޖަހައިފި!
ސޭވްއެފްއޭއެމް އާއި ނޯމަލައިޒޭޝަން ކޮމިޓީ ގެ ތާރީހީ ބައްދަލުވުން ނިމުނީ ގަޔާދުރަށްކުޅެ، ބައިކޮޅަށް ގޯލްޖަހައިގެނެވެ!
Advertisement

މި ބައްދަލުވުން އޮތީ 23 އޭޕްރިލް 2025 ވީ ބުދަދުވަހު މެންދުރުފަހު 2.15 ން 3.30 ށް ގަލޮޅު ސްޓޭޑިއަމްގައެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރފާސަން އަހްމަދު މުއިއްޒުއާއި އެކު އެކޮމިޓީގައި މިވަގުތުތިއްބެވި އިތުރު ދެ މެމްބަރުންކަމުގައިވާ އުސްތާޒް އަހްމަދު ސިމަން އާއި އުސްތާޒާ ފަރީހާ ޝަރީފާއި އެކު ވަގުތީ ޖެނެރަލްސެކްޓްރީ ނާހިލް އަޙްމަދު ސިއްދީގް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސޭވްއެފްއޭއެމް ތަމްސީލްކޮށްދިނީ ކުރީޖެ ސެކްޓްރީ ޖެނެރަލުންގެ ހަތަރު ބޭފުންނާއި، ނިލަންދޫ ސްޕޯޓްސްކްލަބަގެ މެނޭޖަރެވެ. ހާމިދު އަބްދުލް ޢަފޫރު (1988 ން 1996)، ހުސެއިން ރަޝީދު (1998 ން 2007 ށް) މުހަންމަދު ހާނިމް (2006) އަދި ޝާހް އިސްމާއިލް (2007 ން 2013) އާއި ޒޯން 5، ނިލަންދޫ އެފްސީގެ މެނޭޖަރ އަންވަރު އަލީއެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންނަކީ ފުޓުބޯޅައިގެ އާޖުފާޖަށް އައު ބޭފުޅުންކޮޅަކަށްވީތީވެ، މަޝްވަރާގައި ބައިވެރިވި ސޭވްއެފްއޭއެމްގެ މަންދޫބުންނަކީ އެފްއޭއެމްގެ 40 އަހަރުގެ ތާރީހާއި އިންސްޓިޓިއުޝަނަލް މެމަރީ އެބޭފުޅުންގެމެދުގައި ހިއްސާ ކުރާ ބައެއްކަމުގައި ދެންނެވީމެވެ. 

މި ބައްދަލުވުމުގެތެރެއިން، އެފްއޭއެމްގެ ހާލަތާއި ނޯމަލައިޒޭޝަން މަރުހަލާ ފުރޮޅިގެންދާނެގޮތް ސޭވްއެފްއޭއެމަށް ސާފުވިއެވެ. ކޮމިޓީން ކުޅުއްވީ ގަޔާދުރަށެވެ. ބައިކޮޅަށް ގޯލްވެސް ޖެއްސެވިއެވެ. މިއީ އަޅުގަނޑުމެން ނުހަނު ކަންބޮޑިވި ކަމަކެވެ. ސަސްޕެންޑްވުމަކީ ސޭވްއެފްއޭއެމުން އެދޭގޮތެއް ނޫނެވެ. ސަސްޕެންޑްކުރުމުން އިންޓަރނޭޝަނަލް މުބާރާތްތަކުގައި ބައިވެރިނުވެވި ދިވެހި ފުޓުބޯޅަ ހުއްޓޭނީއެވެ.

ސޭވްއެފްއޭއެމްގެ މަގްސަދު

ސޭވްއެފްއޭއެމްގެ މަގްސަދަކީ އެފްއޭއެމް ސަސްޕެންޑްވިޔަ ނުދިނުމެވެ. އަސާސީގަވާއިދާ އެއްގޮތަށް އަލުން އެފްއޭއެމް ބިނާކުރުމަށްފަހު އިންތިހާބަށް ހުޅުވާލުމެވެ. އެފްއޭއެމްގެ އެއްވެސް ގުނަނެއް މަދުނަމަ، ނުވަތަ އުފައްދާފައި ނެތްނަމަ ނޯމަލައިޒޭޝަން ކޮމިޓީން އެކަމެއް ފުރިހަމަ ކުރުމަށްފަހު ނޫނީ އިންތިހާބު ނުބޭއްވުމެވެ. ތިރީގައި އެވަނީ ސޭވްއެފްއޭއެމްގެ ކަންބޮޑުވުންތަކާއި، އެކަންކަމަށް ނޯމަލައިޒާޝަން ކޮމިޓީން އިޖާބަދެވިގޮތުގެ ހުލާސާއެކެވެ. މުޅިންވެސް ހުރީ ބައިގޯލެވެ!

އަސާސީގަވާއިދު އިސްލާހްކުރަންޖެހޭތޯ؟

އަސާސީ ގަވާއިދު އިސްލާހްކުރަން ވަނީ ކޮންގްރެސްއަކަށް ގޮވާފައެވެ. ކޮންގްރެސްއަކަށް ގޮވަން ކޮމިޓީން ނިންމެވީ، އަސާސީގަވާއިދު "ރިވިއުކުރުން" ކޮމިޓީގެ މެންޑޭޓް ގޮތުގައި ފީފާއިން ކަނަޑައަޅާފައިވާތީކަމަށް ވިދާޅުވިއެވެ. ސޭވްއެފްއޭއެމުން ފާހަގަކުރީ، ރިވިއުކުރުމަކީ، އިސްލާހްކުރުމެއް ނޫންކަމަށެވެ. 

ވީމާ އަސާސީ ގަވާއިދު ރިވުކުރުމުގެ ބަދަލުގައި އިސްލާހް ހުށަހަޅަން ކޮންގްރެސްއަކަށް ގޮވަންވީސަބަބެއް ނެތްކަމަށެވެ.

ޒޯންތައް އުވާލީތޯ؟

ޒޯންތައް އުވާލީތޯ ހުސެއިން ރަޝީދު އެއްސެވިއެވެ. ޗެއަރޕާސަން މުއިއްޒު ވިދާލުވީ ޒޯންތައް އުވާނުލާކަމަށެވެ. ދިވެހިފުޓުބޯޅައިގެ ތާރީހްގެތެރެއިން "ޒޯން" ތަކެއް އުފެދުނުގޮތް ސޭވްއެފްއޭއެމުން ނޯމަލައިޒޭޝަން ކޮމިޓީއާ ހިއްސާކުރެއްވިއެވެ. ޒޯންތަކަކީ 1986 ގައި ގާއިމްކޮށް 1996 އިންފެށިގެން ސަރުކާރުގެ ޕީއެސްއައިޕީ އެލޮކޭޝަން ގެދަށުން ދައުލަތުގެ ބަޖެޓުން ފުޓުބޯޅަ އިންފްރާސްޓަރަކްޗަރ ގާއިމްކުރަމުން ގެންދާ ޒޯންތަކެކެވެ.

ޝާހް އިސްމާއިލް ވިދާޅުވީ ދެވަނަ ނޯމަލައިޒޭޝަންކޮމިޓީން ޒޯންތަކުގެ ގާނޫނީ ހައިސިއްޔަތު ވާނީ އިތުރަށް ވަރުގަދަކޮށް ރީޖަނަލް އެސޯސިއޭޝަން ގާއިމްކުރަން ކަނަޑައަޅާފައިކަމަށެވެ. އަދި އެފްއޭއެމްގެ ވެރިން މިކަން ނުކޮށް އެފްއޭއެމް ހިންގަނީ އަސާސީގަވާއިދާ ހިލާފަށް ކަމަށެވެ.

ނޯމަލައިޒޭޝަން ކޮމިޓީން ބާއްވާ ދެވަނަ ކޮންގްރެސްއަކީ އަސާސީގަވާއިދު އިސްލާހްކުރަން ބާއްވާ ކޮންގެރެސްއެއް ކަމުގައި އިއުލާނުކޮށްފައިވާތީވެ، ސޭވްއެފްއޭއެމުންވަނީ 10 ކްލަބެއްގެ ނަމުގައި ކެންޑިޑޭޓް އަހްމަދު ތޯރިގް، ޒޯންތައް 9 ން 4 އަށް މަދުކުރަން ހުށަހަޅުއްވާފައިވާ އިސްލާހްތަކުގެ އިންގިރޭސި ޓެކްސްޓް ކުރިން ހޯދާބަލާފައެވެ. ޒޯންތަކަށް ބަދަލުގެނައުމަކީ ފީފާއިން އެދިގެން ކުރާކަމެއްތޯ އެހުމުން ޗެއަރޕާސަން ވިދާޅުވީ، ފީފާއިން ޒޯންތަކަށް ބަދަލުގެންނަން އެދިފައިނުވާކަމަށެވެ.

your imageޓޮމް

44 ވޯޓިންގް ޑެލިގޭޓުކޮބާތޯ؟

ކޮންގްރެސްގެ 44 ވޯޓްގެ މައްސަލައަކީ 2022 ގެ ސިއްރު ކޮވިޑް ކޮންގްރެސްއަށްފަހު ރައްޔިތުންގެ މަޖިލިހުން ބަލާފައިވާ މައްސަލައެކެވެ. އެކޮންގްރެސްގައި އިންޓަރެސްޓް ގޮރޫޕްތައް ވަނީ އުވާލާފައެވެ. މީގެސަބަބުން ކުރިން އޮތް 44 ޑެލިގޭޓުންގެ އަދަދު މިހާރު އެވަނީ 35 އަށް މަދުކުރެވިފައެވެ. ޒޯންތައް އުވާލާފައެއް ނުވެއެވެ. އެހެންނަމަވެސް ކޮންގްރެސް ހިންގާފައިވަނީ ޒޯންތައް ބައިވެރިނުކޮށެވެ.

ސާޙް އިސްމާއިލް ވިދާޅުވީ ކޮންގްރެސްގެ ފަހުން ފީފާއަށް ފޮނުވާ ރިޕޯޓްތަކުގައި ކޮންގްރެސް ހިނގާދިޔައީ އަސާސީގަވާއިދާ އެއްގޮތަށްކަމަށް ކޮންމެ ފަހަރަކުވެސް، އެއިރެއްގައި ހުންނަވާ ސެކެޓްރީ ޖެނެރަލް ލިއުއްވާ ތައްގަނޑު ޖައްސަވާ ފީފާއަށް ކަށަވަރު ކޮށްދެއްވާ ކަމަށެވެ. މިއީ ބުހުތާން ދޮގަކަށް ވީނަމަވެސްމެއެވެ.

ނޯމަލައިޒޭޝަން ކޮމިޓީން ބުނަނީ ޒޯންތަކަށް ބަދަލުގެންނަން ފީފާއިން ލަފާދީފައި ނުވާކަމަށެވެ. އަދި ޒޯންތަކުގެ ވޯޓިންގް ޑެލިގޭޓުން އިންތިހާބުކޮށްފައިނުވާކަން ދެނަހުރިކަމަށެވެ. އެބޭފުޅުން ވިދާޅުވަނީ ކޮންގްރެސްގެ ވޯޓަރ ލިސްޓަކީ މިހާރު ތިބި މާލޭޒޯންގެ ކްލަބަތައް ކަމަށެވެ. ޒޯންޑެލިގޭޓުންނަށް ދައުވަތުނުދިނީ އެފަދަ ބަޔަކު އިންތިހާބުކޮށްފައި މިވަގުތު ނުވާތީކަމަށެވެ. އަދި މިއީ އަސާސީ ގަވާއުދުގައި ބުނާގޮތްނޫންކަމަށްވެސް އެބޭފުޅުން އެއްބަސްވެއެވެ.

ސޭވްއެފްއޭއެމަށް މިހާލަތު ސިފަކުރެވުނީ އަމިއްލަ ހާފް ދޫކޮށް އިދިކޮޅުހާފްގެތެރެއަވަދެ ބައިކޮޅަށް ގޯލްޖަހަން ދޫކޮށްލާފައިވާކަމަށެވެ.

އަސާސީގަވާއިދުކޮބާ؟

ކޮމިޓީން ބުނީ އަސާސީގަވާއިދުގެ 3 ކޮޕީ އޮންނަކަމަށެވެ. އެއީ 2016 ވަނަ އަހަރުގެ އިގިރޭސި އަސްލާއި، 2020 ވަނައަހަރުގެ އިންގިރޭސި ތަރުޖަމާއަކާއި، ހަމަ އެއަހަރުގެ ދިވެހި ތަރުޖަމާއެވެ. މިތިން ގަވާއިދުއެއްގޮތެއް ނޫނެވެ. 2020 ގެ އިންގިރޭސި ތަރުޖަމާގައި އިންޓަރެސްޓްގްރޫޕްތައް އުނިކުރިނަމަވެސް، 83 ވަނަ މާއްދާ، ޓްރާންސިޓަރީ ކޮލްސްތައް ވަނީ އުނި ނުކޮށެވެ. އުނިކުރި ގުނަވަނަކަށް ދެއަހަރުދުވަސްދީފައި އޮތުން ދެކޮޅެއްނުޖެހެއެވެ. ހުރިހާ ކޮޕީއެއްގައި ވެސް 8 ވަނަ މާއްދާ އޮތެވެ. އެމާއްދާގައި ބުނަނީ އަސާސީގަވާއިދު މައުނަކުރުމުގައި ހިލާފެއް އުފެދިއްޖެނަމަ ބަލާނީ 2016 ގެ އިންގިރޭސި އޮރިޖިނަލްއަށް ކަމަށެވެ.

ކޮމިޓީން ބެއްލެވީ 2020 ވަނައަހަރުގެ އިންގިރޭސި ތަރުޖަމާއަށްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ހުރިހާ ކޮޕީއެއްގައިވެސް، 8 ވަނަ މާއްދާގައި އޮންނަނީ މައުނަކުރުމުގައި ހިލާފެއް އުފެދިއްޖެނަމަ ބަލާނީ އިންގިރޭސި އޮރިޖިނަލްއަށް ކަމަށެވެ. އިންގިރޭސި އޮރިޖިނަލްގެ އިންގިރޭސި ތަރުޖަމާއަކަށް ނޫނެވެ. ސޭވްއެފްއޭއެމުން ދެކެނީ އަސާސީގަވާއިދަކީ 2016 ވަނަ އަހަރުގެ އޮރިޖިނަލް ކަމަށެވެ.

އެފްއޭއެމް ނޯމަލްތޯ؟

މިސުވާލަށް އެންމެންގެވެސް ޖަވާބަކީ އެފްއޭއެމް ނޯމަލް ނޫންކަމެވެ. އެފްއޭއެމް ނޯމަލް ނުވަނީ ކީއްވެތޯއެވެ؟ މިކަންވެސް ހުރިހާބޭފުޅުންނަށް ސާފެވެ. އެފްއޭއެމް ނޯމަލް ނުވަނީ ޒޯންތައް އިންތިހާބުކޮށްފައި ނުވާތީއެވެ. އަސާސީ ގަވާއިދު އޮޅުވާލައިގެން އިންޓަރެސްޓްގްރޫޕްތައް އުވާލަން އުޅެފައިވާތީއެވެ. ޒޯންޗެމްޕިޔަނުން ކުޅޭ ދިވެހި ޕްރެމިއަރލީގްގެ ދެޑިވިޒަންވެސް، އެއްމެ ޒޯނަކަށް ހަނިކޮށްގެން އެފްއޭއެމް އިންތިހާބުކުރާތީއެވެ.

ސޭވްއެފްއޭއެމްގެ މަންދޫބު މުހަންމަދު ހާނިމް ވިދާޅުވީ އެފްއޭއެމްގެ ކަންކަން ހުރިގޮތުން، އެމަނިކުފާނުގެ ސެކެޓްރީޖެނެރަލްގެ ޓާމް ނިމިގެންދިޔައީ ސެކެޓްރީޖެނެރަލްކަން ކުރިޔަނުދީކަމަށެވެ. ސެކްޓްރީޖެނެރަލްގެ މަގާމަކީ އަސާސީ ގަވާއިދުގެ 56 އާއި 57 ވަނަ މާއްދާއިން ތަފްސީލްކޮށްދީފައިވާ މަގާމެކެވެ. ހަމަ ކަށަވަރުންވެސް އެފްއޭއެމް ނޯމަލް އެއްނޫނެވެ!  

ޓާމްހަމަވާއިރު އެފްއޭއެމް އޮންނާނީ ކިހިނެތް؟

ކޮމިޓީގެ ޓާމް ޖުލައިމަހަށް ހަމަވާއިރު އެފްއޭއެމް އޮންނާނީ ކުރީންވެސް އޮތްގޮތަށެވެ. ގަޔާދުރަށް ކުޅުމުގެ ސަބަބުން ނޯމަލައިޒްނޮކުރެވިއެވެ. ވޯޓް ހަމަ ނުކުރެވި އެވެ. ދުނަންތައް މަދުކޮށް އުނިކޮށެވެ. ޒޯންތަކުގައި ރީޖަނަލް އެސޯސިއޭޝަންތައް ގާއިމްކުރަން ހުޅުވައެއްނުލައެވެ. އިންޓަރެސްޓް ގްރޫޕްތައް އުވާލިކަމަށް ނިންމެވީއެވެ. ޒޯންތައް އެކަހެރިކޮށް، ޖިއޮގްރަފީއާއި، ދަތުރުފަތުރާ، އާބާދީއާއި އިގްތިސާދީ ވަސީލަތްތައް ބެހިފައިވާ މިންވަރުވެސް ނުބަލާ 4 ޒޯނަކަށް ރާއްޖެ މަދުކުރަން ކޮންގްރެސްއެއް ބާއްވަނީއެވެ. ކޮންގްރެސް ބާއްވަނީ ނޯމަލައިޒްކުރުމުގެ ނަމުގަ އެވެ.

ޒޯން 5 ގެ ޗެމްޕިޠަން ނިލްންދޫ އެފްސީގެ މެނޭޖަރު އަންވަރު އަލީ ވިދާޅުވީ، އަސާސީގަވާއިދު އިސްލާހްކުރާ ކޮންގްރެސްއަށް ޒޯންޗެމްޕިޔަންގެ ހައިސްއޔަތުން ދައުވަތު ނުދިންނަމަވެސް ވަޑައިގަންނަވާނެކަމަށެވެ. އަދި އޭނާ ވަޑައިގަންނަވާނީ ޒޯން 2 ގެ ޗެމްޕިޔަން ފޯކައިދޫ އެފްސީވެސް ގޮވައިގެންކަމަށެވެ. އަންވަރުގެ ރޫހް ހުރިގޮތުން ކަށަވަރުވީ، ކޮންގްރެސްގައި ނިޒާމީ ނުކުތާވެސް ނަންގަވާނެކަމަށެވެ. އަނެއް ޒޯންތައް ހަމަކޮށްގެންނޫނީ ކޮންގްރެސް ކުރިއަށްގެންދަން އިއުތިރާޒް ކުރައްވާނެކަމަށެވެ. ރިޔާސަތުގައި ތިއްބަވާނީ އުސްތާޒުންގެ ޓީމެކެވެ. ކުރިއާހިލާފަށް މިއަދު ފުލުހުންގެ ރެޕިޑްއެކްޝަން ފޯސްއަކާ ނުލާ އެފްއޭއެމްގެ ކޮންގްބޭއްވޭނެއެވެ. ޒޯންތަކުން އަޑު އުފުލޭނެ އެވެ.

your imageއަންވަރު

ނިލަންދުއާއި ފޯކައިދޫ އިސްނަގާ ކޮންގްރެސްގެ މިސްރާބު ބަދަލު ނުކޮށްފިނަމަ، އަނެއްކާވެސް އެފްއޭއެމް ބަދަލުވާނީ އެންމެ ޒޯނެއްގެ ކްލަބްތަކަކަށެވެ. މިއީ ސަސްޕެންޝަނާދިމާލަށް މިސްރާބުޖެހުމެވެ. ފަހުވަގުތު އޮޑިން ފުންމާލާނީ ނޯމަލައިޒޭޝަން ކޮމިޓީއެވެ. އެދުވަހު ވިދާޅުވާނީ، އަޅުގަނޑު ކަންކުރީ ކްލަބަތަކުން އެދުނުގޮތަށް ކަމަށެވެ. ގާނޫނީ ވާހަކަފުޅެއް ނުދައްކަވާނެއެވެ. އެއިރު އޮންނާނީ ވާނެއެއްޗެއް ވެފަ އެވެ. މިއީ ބައިކޮޅަށް ޖަހާގޯލެއްކަމަށް ނޫނީ ނުވާނެ އެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް