
މި ޓެސްޓު ފްލައިޓަށް ބޭނުންކޮށްފައިވަނީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.
މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއާޕޯޓަކީ 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ ގޮތަށް ބިންހިއްކައިގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މި މަޝްރޫޢުގެ އަގަކީ 212 މިލިއަން ރުފިޔާއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއާޕޯޓުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރެވުނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ކުރިން ހާމަކުރެއްވި ގޮތުގައި، 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރެވުނު ނަމަވެސް، ފައިސާގެ ދަތިކަމާ ގުޅިގެން މަސައްކަތް ލަސްވެގެން ގޮސްފައިވެއެވެ. ނަމަވެސް މިހާރު މަސައްކަތްތައް ނިމި، އެއާޕޯޓް ހުޅުވުމުގެ މަރުހަލާއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މި އެއާޕޯޓް ހުޅުވުމުން މުލީގެ ރައްޔިތުންނަށާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، އިގްތިސާދީ ގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.