
ފުލުހުން މިހެން ބުނެފައިވަނީ ރައުދުގެ ބަންދުގެ މަޖިލީހުގައެވެ.
ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގޭ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ޔުމްނު ވެއްޓުނު މައްސަލާގައި އެރޭ އޭނާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލާ ރޭ ހައްޔަރުކޮށް މިއަދު ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.
މި މައްސަލާގައި މިއަދު ވަނީ ރައުދުގެ ބަންދަށޤ ކޯޓުން 5 ދުވަސް ޖަހާދީފައެވެ. ބަންދުގެ އަމުރުގައިވާ ގޮތުން ފުލުހުން ރައުދުގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގެ ގޮތުގައި ބުނެފައިވަނީ އުސްތަނަކުން ވެއްޓި ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބުންކަމަށެވެ. އަދި ރައުދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާކަަށް ފުލުހުން ވަނީ ބުނެފައެވެ.
ކޯޓުގައި ފުލުހުން މިހެން ބުނިނަމަވެސް މިހާތަނަށް ފުލުހުން ބުނަމުން އައީ ޔުމްނު ވެއްޓުމުގައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތްކަމަށެވެ. އަދި ޔުމްނު ވެއްޓުނީ އަމިއްލައަށްކަމަށް ތަހުގީގަށް ޔަގީން ކުުރެވިފައިވާކަމަށެވެ.
ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުން ރައުދު އިއްޔެ ހައްޔަރުކުރުމަށް ފަހު މިއަދު ކޯޓުގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދު ގެެއެއްގެ މައްޗަށް ވެއްޓުނު ރޭ ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގައިފައިވާކަމަށެވެ. އަދި އަދި ޔުމްނު ވެއްޓުނުތާ މާ ގިނައިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ރައުދާ ސުވާލުކުރުމުން ވީތަނެއް ނޭގަކަމަށް އޭނާ ބުނެ ޔުމްނު ވެއްޓުނީކަމަށް ބެލެވޭކަމަށް ރައުދު ބުނިކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ ޔުމްނު ވެއްޓުމުން އޭގެ ފަހުން ޔުމްނު ހޯދަން ރައުދު ގޮވާ އުޅުނުކަން އެނގޭކަމަށާއި އެހެންނަމަވެސް އެކަމުގެ ރިޕޯޓެއް ރައުދު ކަމާއި ގުޅޭ އެއްވެސް ފަރާތަކަށް ކޮށްފައި ނުވާކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ކުރި ބަންދުގެ މުއްދަތެއް ރައުދަށް ޖެހީ އޭނާގެ ވަކީލާއި ބައްދަލުވެފައި ނުވާތީއެވެ.