ads
ޖޭއެސްސީގެ ޖަލްސާއެއްގެ ތެރެއިން
ޖުޑީޝަރީގެ މިނިވަންކަމަށް ހުރަސްއެޅުން ހުއްޓާލަން އެޗްއާރުޑަބްލިޔޫއިން ގޮވާލައިފި
ޖުޑީޝަރީގެ މިނިވަންކަމަށް ހުރަސްއެޅުން ހުއްޓާލައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިޔު) އިން ގޮވާލައިފިއެވެ.
Advertisement

މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ތިބެނީ ސަސްޕެންޝަނުގައެވެ. އަދި މީގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެޗްއާރުޑަބްލިޔުގެ އޭޝިޔާ ޑިރެކްޓަރު އެލެއިން ޕިއާސަން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސުލޫކީ ފިޔަވަޅު އެޅުމަކީ އެ ކޯޓަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. "މިފަދަ ހައްސާސީ ދުސްތޫރީ މައްސަލަތައް މިނިވަންކަމާ އެކު ބެލުމުގެ ފުރުސަތު ނުލިބޭނަމަ، ހައްގުތަކަށް އިހްތިރާމްކުރާ ގައުމަކަށް ވުމަށް ރާއްޖޭން ކުރާ މަސައްކަތަށް ހުރަސްއެޅޭ،" ޕިއާސަން ވިދާޅުވިއެވެ. އަދި މިކަމާ ގުޅިގެން ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ސަސްޕެންޑުކޮށްފައިވާ ފަނޑިޔާރުންގެ ސަސްޕެންޝަން ވަގުތުން އުވައިލުމަށް ގޮވާލައްވާފައިވެއެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އަމުރުތަކެއް ނެރުމަށް ވަގުތު ކުޑަތަންވެފައި އޮއްވައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ބުނެފައިވަނީ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް