
ދާދި އެއް އުމުރުފުރައިގައި ތިބި މި ދެ އަންހެން ކުދިންނަކީވެސް، ލޯބިވެރިއާ ނުވަތަ ރަހުމަތްތެރިއާއެކު ތަނަކަށް ގޮސް، އަނިޔާވުމުގެ ސަބަބުން ސަމާލުކަން ލިބުނު ދެ މައްސަލައެވެ. ކަން ހިނގާދިޔަ ގޮތް ސާފުނުވެ، ތަހުގީގުތައް ދިގުލައިގެންދާއިރު ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް ދަނީ އިތުރުވަމުންނެވެ.
މީގެ ހަފްތާއެއް ކުރިން ގ. ފެންޓޯނިއޯގެއިން ވެއްޓި، ހަބަރު ހުސްވެފައި އޮއްވާ ފެނުނު ޔުމްނު މިހާރު އޮތީ އައިސީޔޫގައެވެ. ޕްރެޝަރުގައި ބޭސްފަރުވާ ކުރެވެމުންދާއިރު އާއިލާގެ ފަރާތުން ބުނެފައިވަނީ ޔުމްނުގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ނަމަވެސް ކުއްޖާ އައިސީޔޫން ނެރެވޭ ހާލަތުގައި ނެތްކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ. ޔުމްނުގެ ހާލަތު ނާޒުކުކަމަށް ޑޮކްޓަރުން ބުނެފައިވާކަން ވެސް އާއިލާއިން ހާމަކޮށްފައިވެއެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މިހާރު ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން "ފާޅުގައި ދޮގުހަދައި އޮޅުވާލަމުން" އަންނަކަމަށް ބުނެ ފާޑުކިޔާފައެވެ.
ސީސީޓީވީގެ ފުޓޭޖް އާންމުނުކުރާކަމާއި، ފެނުނުކަމަށް ބުނާ ސީސީޓީވީގެ ފުޓޭޖުތަކާއި، ފުލުުހުންގެ ތަފާތު ޕްރެސްތަކާއި، އިއުލާނުތަކުން މި މައްސަލައިގެ ގަޑުބަޑުކަން ބޮޑުވެ ރައްޔިތުން ވަނީ "ވާނުވާ" އަށް ގޮސްފައެވެ.
ޔުމްނު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތްކުރަމުންދާއިރު، އިންސާފަށް ޒުވާނުން ދަނީ ގޮވާލަމުންނެވެ.
2022 ވަނަ އަހަރު ބުރިކުރީ 22 އަހަރު ކުއްޖެއްޖެ ކަރު:
އަނެއްކޮޅުން، 2022 ވަނަ އަހަރު މާލޭގައި ހެންވޭރު ޗީބޯ ގޯޅިތެރޭގައި ހުންނަ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި އިންސާފު ނުލިބި ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާރުވެސް ތަހުގީގުތައް ދަނީ ކުރެވެމުންނެވެ.
ހ. ޝީރީންވިލާގޭގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި ފެނުނު، އުމުރުން 22 އަހަރުގެ ޝިއާއުގެ ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއާ ހަވާލާދީ ފުލުހުން ބުނެފައިވާއިރު، ޝިއާއު މަރުވި ފަހުން ވެސް ހަށިގަނޑުގެ އެކި ތަންތަނަށް ވަރަށް ގިނައިން ހަމަލަދީފައިވާކަން ޕޯސްޓްމޯޓަމްގެ ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އުމުރުން 22 އަހަރުގެ ޝިއާއު
ޝިއާއުގެ މަރުގެ މައްސަލައިގައި ޒުވާން ސްކޭޓަރު އަލީ ޝާހިލްގެ މައްޗަށް ކްރިމިނަލް ކޯޓުން ދަނީ ޝަރީއަތް ކުރިއަށް ގެންދަމުންނެވެ.
ސިއްރުން ގެންދާ މި މައްސަލައިގައި ސާހިލުގެ މައްޗަށް ފަސް ދައުވާއެއް ކުރެވިފައިވާއިރު، އޭނާ ތަހުގީގަށް ދިން ބަޔާން ބަލައިނުގަތުމަށް އެދުނު ނަމަވެސް ކޯޓުން ނިންމީ އެ ބަޔާން ބަލައިގަތުމަށެވެ.ސާހިލް އަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައިދިނުމުން ވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދިނުމުން، މިހާރު އަމިއްލައަށް ޝަރީއަތުގައި ވަކާލާތުކުރުމަށް އޭނާ ވަނީ ނިންމާފައެވެ. އަދި މި މައްސަލައިގައި، ދައުވާ ތަކުގެ އިތުރުން، ފުލުހުން ބުނީ މަރުގެ މޯޓިވް ނުވަތަ ސަބަބު ހޯދުމުގެ މަސައްކަތްވެސް އެ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ ކުރަމުންދާ އިހްތިޖާޖު
މި ދެ މައްސަލައިގައިވެސް އާންމުންގެ ކަންބޮޑުވުން ބޮޑުވަމުން އަންނަ މައިގަނޑު ސަބަބަކީ އިންސާފު ލިބުން ލަސްވުމާއި ކަން ހިނގާދިޔަގޮތުގެ ހަގީގަތް ނޭނގުމެވެ.
މިދިޔަ ހުކުރު ދުވަހު އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ހިމެނޭ ވީޑިއޯ ފުލުހުން އާންމުކުރި
ޝިއާއުގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތުގެ ބަޔާން ކޯޓުން ބަލައިގަނެފައިވާއިރު، އަދިވެސް މޯޓިވް ސާފުނުވުމާއި ޔުމްނުގެ މައްސަލައިގައި ސީސީޓީވީއާ ގުޅޭގޮތުން ފުށުއަރާ ބަޔާންތައް އިސްފަރާތްތަކުން ދެމުންދާކަމަށް ތުހުމަތުކުރެވުމުން، މުޖުތަމައުގެ ގިނަ ބައެއް ދަނީ އަވަސް އިންސާފަކަށާއި ކަން ހިނގި ގޮތް ސާފުކޮށް އާންމުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. މިފަދަ ދެ ނާޒުކު މައްސަލައެއްގައި ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް ހަގީގަތް ސާފުކޮށްދިނުމަކީ ދައުލަތަށް ޒިންމާއެކެވެ.
އިންސާފު ލަސްވުމަކީ އިންސާފު ނުލިބުމެވެ!
އެޑިޓަރުގެ ނޯޓު: މި ރިޕޯޓުގައު ޝިއާއު މަރުވީ 2023 ވަނަ އަހަރު ކަމަށް ފުރަތަމަ ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. ނަމަވެސް އެ ތާރީހު 26 އޭޕްރީލް 2025 ވަނަ ދުވަހު 17:00 ވަނީ 2022 ވަނަ އަހަރަށް ބަދަލުކޮށްފައެވެ.