
މި މައްސަލައިގައި ކުރިން 7 މީހެއްގެ ފޯނު ހިފަހައްޓާފައިވާއިރު، މިހާރު ޖުމްލަ 9 މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނީއެވެ.
ފުލުހުން އިތުރަށް ބުނީ 18 އޭޕްރިލް 2025 ވަނަ ދުވަހު ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ ކޯޓު އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ވަނީ މއ.މާންދޫގެ ދެކުނުގެ ޓެރަސް އާއި އެ ގޭގެ 2 އަދި 4 ވަނަ ފަންގިފިލާ އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ބަލައިފާސްކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އޭނާ ވެއްޓިފައިވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.
ޔުމްނު އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އިތުރު ފަރުވާއަށް ދައުލަތުގެ ހަރަދުގައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް މަސައްކަތްކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލާގައި މާލޭގައި ވޭތުވި ތިން ރޭ ވެސް ޒުވާނުންތަކެއް ވަނީ މުޒާހަރާކޮށްފައެވެ.