
ސީޕީގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވި ސީދާ ވަކި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ފަރުހާދު އާއި ފުލުސް އޮފީސް ވަގުތީގޮތުން ހިންގަން މި ހަވާލުކުރީ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް ފެންމަތިކޮށް، ފައިވާ ދަނޑިވަޅެއްގަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވަނީ، ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމަށެވެ.
މީގެ ކުރިން ވެސް ފަރުހާދު ވަނީ ވަގުތީ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައެވެ. އެއީ 2023ވަނަ އަހަރު އޭރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި، މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އޭރު ފަރުހާދު ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ. އޭނާ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވިއިރު، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މާލޭގައި މުޒާހަރާ ކުރަމުންދާ ޒުވާނުން ވަނީ އޭނާ އިސްތިއުފާ ދިނުމަށް ޑިމާންޑު ކޮށްފަ އެވެ. ސުޖާއުގެ އިތުރުން ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ޒުވާނުން ވަނީ ގޮވައިލައިފަ އެވެ.
އަދި މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އަންގަވައިފަ އެވެ.
ފުލުހުން ކުރިން ބުނީ މިމައްސަލައިގައި ހިމެނޭ ނުވަ މީހެއްގެ ފޯން، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.
ފޯން ހިފަހައްޓާފައިވާ މީހުންގެ ވަނަވަރު ފުލުހުން ކުރިން ހާމަކޮށްފައިވެ އެވެ.
މައްސަލައިގައި ހިމެނޭ މީހުން
- އިޖާޖާ ޖާއިޒް - ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
- އިޒުދިޔާން މުހައްމަދު މައުމޫން - މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހްމަދު އަކްރަމު - މއ. މާންދޫގޭދެކުނުގެ
- އާއިޝަތު ލަޔާލީ އިގުބާލު - ގ. ނޯތުބްރީޒް
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު - މ. ތިލަފަޅު
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- ހުސައިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
މިގުރޫޕްގެ އެންމެން މިމަހުގެ 18 ވިލޭރޭ މެންދަމުން 12:00 އާއި 12:30އާ ދެމެދުގެ ވަގުތެއްގައި އެންމެ ފުރަތަމަ ވަދެފައިވަނީ މއ. މާންދޫގެދެކުނުބަޔަށެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ އޭނާގެ އާއިލީ ގެ އެވެ.
މިމައްސަލައިގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ މިމައްސަލަ ސީރިއަސްކޮށް ބަލާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ސީޕީ ވިދާޅުވި ގޮތުގައި ޔުމްނު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:30 ހާއިރު އެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އެ ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށާއި ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވަގުތުތަކެއް ނެގި ކަމަށްވެސް ވިދާޅުވި އެވެ.
ކޮމިޝަނާ ވަނީ މިމައްސަލައިގައި ހިމެނޭ ބައެއް ޒުވާނުންނަކީ ސިޔާސީ ބޭފުޅުންގެ އާއިލާތަކަށް ނިސްބަތްވާ ބަޔަކަށްވީ ނަމަވެސް މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.