ads
ޕީޖީ އައްބާސް
ޔުމްނު ވެއްޓުން: ކުޑަކަމުދާ ތަކެތި ނުދިން މީހުންގެ މައްސަލަ ތަހުގީގުކުރަން އަންގައިފި
ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން މީހާގެ ހާދިސާއާ ގުޅުންހުރި ބަޔަކު، މަސްތުވާތަކެއްޗަށް ތަހުލީލުުކުރަން ކުޑަކަމުދާ ތަކެތި ދީފައިނުވާތީ، އެ މީހުންގެ މައްސަލަ ތަހުގީގުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފި އެވެ.
Advertisement

ހ. ފެންޓޯނިއާގޭގެ ގޭގެ ނުވަ ފްލޯ އިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރަން ފަށައި، މިހާތަނަށް ޔުމްނު އާދި ރައުދު ވަނީ ޑްރަގްސް އަށް ޓެސްޓުކޮށްފަ އެވެ. އެ ދެ މީހުން ވެސް ޑްރަގްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ނަމަވެސް އެރޭ ޔުމްނުއާ އެކު އުޅުނު ކަމަށް ބުނާ މީހުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ ޓެސްޓު ނުކުރާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އެއް އަހަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރުމުގެ ކުރިން ރައުދުގެ ކުޑަކަމުދާތަކެތި  ނަގައި، ކެނަބިސްއަށް ޕޮޒިޓިވް ވި ނަމަވެސް އެކަމާ ގުޅިގެން އޭރު އޭނާ ހައްޔަރެއް ނުކުރެ އެވެ. އެ ކަމަށް ވެސް އާންމުންގެ ފާޑުކިއުން އަމާޒުވި އެވެ.

ޕީޖީ އޮފީހުން ބުނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން އެ މީހުންނަށް، ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފި ނަމަ ކުޑަކަމުދާތަކެތި ދޭން އިންކާރުކުރި މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގުކުރަން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ. ޕީޖީ އޮފީހުން އެގޮތަށް އިރުޝާދު ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމާ އެކު ހަމަ އެ އުސޫލުގެ ދަށުން މިހާރު ވެސް އެ މައްސަލަ ތަހުގީގު ކުރެވެން އޮވެ އެވެ. 

އޭގެ އިތުރުން، ޔުމްނުގެ މައްސަލަ ތަހުގީގުކުރާ އެއްވެސް ފުލުހަކު އިހުމާލުވެފައިވޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ޕީޖީ އޮފީހުން ވަނީ އަންގައިފަ އެވެ. 

ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައުދު އަހުމަދު، 21، އެވެ. އެއީ ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު މީހާ އެވެ. ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. ފުލުހުން އިއްޔެ ބުނީ މިމައްސަލައިގައި ހިމެނޭ ނުވަ މީހެއްގެ ފޯން، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

ފޯން ހިފަހައްޓާފައިވާ މީހުންގެ ވަނަވަރު ފުލުހުން ކުރިން ހާމަކޮށްފައިވެ އެވެ.

މައްސަލައިގައި ހިމެނޭ މީހުން

  • އިޖާޖާ ޖާއިޒް - ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
  • އިޒުދިޔާން މުހައްމަދު މައުމޫން - މއ. މާންދޫގެދެކުނުގެ
  • ޔޫސުފް އަހްމަދު އަކްރަމް - މއ. މާންދޫގޭދެކުނުގެ
  • އާއިޝަތު ލަޔާލީ އިގުބާލު - ގ. ނޯތުބްރީޒް
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
  • އާމިނަތު ޖުނެއިނާ ޖަމްޝީދު - މ. ތިލަފަޅު
  • ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
  • ހުސައިން ހަމީސް އަލީ، ނ. ވެލިދޫ، އަހި

ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ކޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއްވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް އޭނާއަށް ބެލެވޭ ކަމަށް މީހެއް ކައިރީ ރައުދު ބުނެފައިވާ ކަމަށް ވެސް ފަހުންް ކޯޓުގައި ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ، އާންމުން އަންނަނީ ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރަމުންނެވެ. މިކަމާގުޅިގެން މާލޭގައި ކޮންމެ ރެއަކު މުޒާހަރާ ވެސް އަންނަނީ ކުރަމުންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް