
އާ ޓާމިނަލާއެކު ޓޫރިސްޓުންގެ އަދަދު އިތުރުވެ، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ. ނަމަވެސް މި ކުރިއެރުން ލިބޭނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ކަމަށް ފާހަގަކޮށްފައިވެއެވެ.
ބުދަ ދުވަހު ނެރުނު ރިޕޯޓުގައި އިގްތިސާދީ ގިނަ ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިލާން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ބައިނަލްއަގްވާމީ ބާޒާރުގައި އަގުތައް އުފުލުމާއި، މިއަހަރާއި އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ބޮޑެތި ލޯނުތައް ހިމެނެއެވެ. އަދި ބައިނަލްއަގްވާމީ ވިޔަފާރިއާއި މެދު އޮތް ކަންބޮޑުވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމުގެ ފުރުސަތު އޮތްކަމަށާއި، ބޭރުގައި މުދަލުގެ އަގު އުފުލޭ ހާލަތެއް އަތުވެއްޖެނަމަ ރާއްޖޭން އިމްޕޯޓަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ ހަރަދުތައް ކުޑަނުކޮށްފިނަމަ 2027 ވަނަ އަހަރު އިގްތިސާދީ ކުރިއެރުން ދަށަށް ދާނެ ކަމަށެވެ. ނަމަވެސް މިހާރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާތީ، އިގްތިސާދު ދަނީ ކުރިއަރަމުން ކަމަށް ބުނެފައިވެއެވެ. މިއަހަރު މިހާތަނަށް 783,000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޮކްޓޯބަރުގެ ކުރިން ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމެވެ. މި ޓާމިނަލްގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށާއި، މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް މީގެ ކުރީގައި ވީއައިއޭ އިން ހާމަކޮށްފައިވެއެވެ.