ads
މިދިޔަ ހުކުރު ދުވަހު އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ހިމެނޭ ވީޑިއޯ ފުލުހުން އާންމުކުރި
ޔުމްނުގެ ޒާތީ މައުލޫމާތު ހާމަކުރުމާ ގުޅިގެން ފުލުހުންނަށް ޕީޖީގެ އިންޒާރު
ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓިމްގެ ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އާންމުކޮށްފައިވާތީ، އެފަދަ މައުލޫމާތު އިތުރަށް ހާމަނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.
Advertisement

ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 18 އޭޕްރީލް 2025 ވީ ހުކުރު ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން 24 އޭޕްރީލް 2025 ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓިމްގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ މައުލޫމާތު ހާމަކޮށްފައިވާތީ، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް އަންގާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި އެއްވެސް ޕޮލިސް އޮފިސަރެއްގެ އިހުމާލެއް ނުވަތަ އިޖުރާއާތުތަކާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ޕީޖީ އޮފީހުން ވަނީ އަންގާފައެވެ. 

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ގާނޫނީ އުސޫލުތަކުގެ ތެރެއިން އެކަން ތަހުގީގުކުރުމަށްވެސް އަންގާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ވަނީ ޖިނާއީ މައްސަލަތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، އާންމު ރައްޔިތުންވެސް މައްސަލާގައި އަނިޔާލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

ޖިނާއީ ތަހުގީގުތަކާ ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް އަމަލުކުރުމަށާއި، ތަހުގީގަށް ހުރަސްނޭޅޭނެ ގޮތަށް މައުލޫމާތު ހާމަކުރުމަށްވެސް ފުލުހުންނަށް އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް