
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދި މެލޭސިޔާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވީ އިންޓަވިއުއެއްގައެވެ.
ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ރޭ ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. މި ކޮމިޝަންގެ ޗެއާއަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
މެލޭސިޔާއަށް ފުރުމުގެ ކުރިން ދައުލަތުގެ މީޑިއާއާއި ވާހަކަ ދައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ކޮންމެ ކަމެއްގައިވެސް އިންސާފު ގާއިމު ކުރުމަށް ކަމަށެވެ. އަދި މިސަރުކާރަކީ އަބަދު ވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅާ އަދި އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރާނެ ސަރުކާރެއް ކަަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޔުމްނު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ކަމުގެ ހަގީގަތް ހޯދައި، އިންސާފު ހޯދައިދިނުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެއްވެސް މީހަކަށް އެމަނިކުފާނުގެ މައްޗަށް ނުފޯޒު ނުފޯރުވޭނެކަމަށެވެ.
ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނާއި ގުޅޭގޮތުން ވާހަކަ ދައްވަމުން އެމަނިކުފާނު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ބޭނުންވާ ހުރިހާ ބާރެއް ކޮމިޝަނަށް ފުރިހަމަކަމާއި އެކު ދީފައިވާކަމަށެެވެ. އަދި އެ ހާދިސާގެ ހަގީގަތް ވަރަށް އަވަހަށް އެނގޭނެކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމުނު ވެއްޓުނުތާ ހަފްތާއެއް ފަހު އެ މައްސަލަ ތަހުގީގު ކުރަން ހާއްސަ ކޮމިޝަނެެއް ރައީސް މުއިއްޒު މި އުފެއްދެވީ އެ މައްސަލަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އަދި ޔުމްނުގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދާ ދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މާލޭގައި މަގުތަކުގައި މުޒާހަރާ ކުރަމުން އަންނަތާ ހަތަރު ރޭ ވަނީ ވެފަ އެވެ.