
ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން އޭޕްރިލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 806,110 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.6 ޕަސަންޓުގެ ކުރިއެރުމެކެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން އޭޕްރިލް މަހު އެކަނި ރާއްޖެއަށް 173,692 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 145,221 ޓޫރިސްޓުންނެވެ. މިއީ 19.6 ޕަސަންޓުގެ ކުރިއެރުމެކެވެ. ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ޗައިނާ، އިނގިރޭސިވިލާތް އަދި ރަޝިޔާއެވެ. ޗައިނާއިން 87,731 ޓޫރިސްޓުން، އިނގިރޭސިވިލާތުން 85,690 ޓޫރިސްޓުން އަދި ރަޝިޔާއިން 82,833 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން 70.2 ޕަސަންޓު މީހުން މަޑުކުރަނީ ރިސޯޓުތަކުގައެވެ. އަދި 24.2 ޕަސަންޓު މީހުން ގެސްޓްހައުސްތަކަށް ދާއިރު، ހޮޓާތަކަށް ދަނީ 3 ޕަސަންޓު މީހުންނެވެ. މިވަގުތު ރާއްޖޭގައި 175 ރިސޯޓާއި 822 ގެސްޓްހައުސް އަދި 157 ސަފާރީ ޓޫރިސްޓުންނަށް ހިދުމަތް ދެމުންދެއެވެ. މިއަހަރު ސަރުކާރުން އަމާޒު ހިފާފައިވަނީ 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަށެވެ.