
ސިނގިރޭޓް އުފައްދާކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ޖެނުއަރީމަހު 30 ވަނަދުވަހުރޭ ފުލުހުން ހިންގި ރެއިޑްގައި އެ އިމާރާޔުގެ ތެރެއިން 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައިވެއެވެ. އޭގެތެރޭގައި ދުންފަތް ހުރި ފޮށިގަނޑުތަކެއް ހުރިކަމަށްވެސް ފުލުހުން ބުނިއެވެ.
އެ އިމާރާތުގެ ތެރެއިން 49،000 ސިނގިރޭޓް ފޮށި ވަނީ ފެނިފައެވެ. މި ތަކެތި އަނބުރާ އެ ކުންފުންޏަށް ރައްދު ކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓުގައި ފުލުހުން ބުނީ ހިފަހައްޓާފައިވާ މުދާ ވިއްކުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދައި އެ ހުއްދަތަކާއި އެކު ހުށަހަޅައިފި ނަމަ ހިފަހައްޓާފައިވާ މުދާ ދޫކުރަން އިއުތިރާޒު ނުކުރާކަމަށެވެ.
އެހެންކަމުން ކޯޓުން ވަނީ ފުލުހުން އެ އެޕާޓްމަންޓުން ހިފެހެއްޓި ސިނގިރޭޓާއި ދެން ހުރި އެއްޗެހި އެ ކުންފުންޏަށް އަނބުރާ ހަވާލުކުރަން އަންގާފައެވެ. ފުލުހުން ހިފަހެއްޓި ތަކެތީގެ ތެރޭގައި ހުސް ފޮށިތަކާއި ބޮކްސިން މެޝިންތައް ހިމެނެއެވެ. މިތަކެތި އެއްވެސް ޝަރުތަކާއި ނުލާ ދޫކުރަން ކޯޓުން ވަނީ އަންގާފައެވެ.
ކޯޓުގެ ނިންމުމުގައިވަނީ ހުސް ފޮށިތަކާއި މެޝިންތައް ތިން ދުވަސް ތެރޭ ހަވާލުކުރަން އަންގާފައެވެ. އަދި ސިނގިރޭޓާއި ދުންފަތް ލައިންސެންސް ނެގުމަށްފަހު ހުށަހަޅާތާ ފަސް ދުވަސް ތެރޭ ހަވާލުކުރަން ވެސް ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
ސިނގިރޭޓާއި ދުންފަތް ދޫކުރުމަށް ބައެެއް ޝަރުތައް ކޯޓު އަމުރުގައި ކަނޑައަޅާފައިވެއެވެ. އޭގެތެރޭގައި މުދާ ދޫކުރެވޭ ހާލަތުގައި ހިފަހައްޓާފައިވާ މުދަލުގެ ފޮރެންސިކް ތަހުލީލު ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފުލުހުންނަށް އެއްބާރުލުން ދިނުމާއި ހިފެހެއްޓިފައިވާ މުދާ ވިއްކުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ ނޫނީ ލައިންސެންސް ހޯދުމަށް ފަހު ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުން މުދާ ދޫކުރުން ހިމެނެއެވެ.
މީގެއިތުރުން މުދާ ދޫކުރާ ހާލަތުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމަށާއި މުދާ ދޫކުރެވެންދެން ނުވަތަ މުދަލާ މެދު ވަކި ގޮތަކަށް އަމަލު ކުރެވެންދެން މުދަލުގެ އަގު ނުގެއްލޭނެހެން ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.