ads
މިރޭ ބޭއްވި ދުލެއް ނުކުރާނަން މުޒާހަރާގެ ތެރެއިން: ފޮޓޯ އިބްރާހިމް އަލީ ޓުވިޓާ
ޑިމާންޑުތައް ފުލްފިލް ކޮށްދޭތީ ރައީސް އަށް ޝުކުރުވެރިވަން: މުޒާހަރާ ލީޑު ކުރާ ޒުވާނުން
މިމަހު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު، ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދިނުމަަށް ގޮވާލާ މުޒާހަރާކުރާ ޒުވާނުންގެ ތެރޭގައި މުޒާހަރާ ލީޑުކުރާކަމަށް ބުނާ ދެ ޒުވާނަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވައިފިއެވެ.
Advertisement

މިވާހަކަ ދައްކާފައިވަނީ އަހުމަދު އަޝްފާގް އަދި މުހައްމަދު އަމީން ކިޔާ ދެ ޒުވާނުންނެވެ. 

"ޖަވިޔަނި" ކިޔާ ނޫހަށް ދިން އިންޓަވިއުއެއްގައި ޒުވާނުން ބުނީ، އެމީހުން މުޒާހަރާ ކުރަނީ އެއްވެސް ސިޔާސީ ޕާޓީއެއް، ގޭންގެއް ވެސް ނުފޫޒު އޮވެގެން ނޫންކަމަށެވެ. 

ނަމަވެސް އެމީހުންނަށް ނުފޫޒުފޯރުވަން ގިނަބަޔަކު މަސައްކަތް ކުރިނަމަވެސް، އެ ނުފޫޒުތަކާ ދުރުވެ ޒުވާނުން މަސައްކަތް ކުރަމުން ދަނީ "ޕޮލިސް އިންޓަގްރިޓީ ފަދަ މުއައްސަސާތައް" ޒިންމާދާރު ކުރުމަށްކަމަށް އަޝްފާގު ބުންޏެވެ. 

"އަޅުގަނޑުމެން ޝުކުރު ދަންނަވާލަން ބޭނުން އަޅުގަނޑުމެންގެ ރައީސްއަށް. އަޅުގަނޑުމެންނަށް ޑިމާންޑުތައް އެބަ ފުލްފިލްކޮށްދޭ އެބަ. އެކަމުވެސް އަޅުގަނޑުމެންގެ ޑިމާންޑުތައް އަދިވެސް ހުރީ. ކޮމެޝަނެއްވެސް އުފައްދަދީފި ރައީސް،" އަމީން ބުންޏެވެ.

އަދިވެސް ޑިމާންޑުތައް ހުރިިކަމަށާއި، ކުރީ ސަރުކާރުތަކުންވެސް ކޮމިޝަންތައް އުފެއްދި ނަމަވެސް، އެ ކޮމިޝަންތަކަކީ އިތުބާރު ކުރެވޭ ފަދަ ކޮމިޝަންތަކެއްތޯ ސުވާލު ވެސް އުފެއްދިއެވެ. 

"އަޅުގަނޑުމެން ޝުކުރުވެރިވަން އަޅުގަނޑުމެން ދައްކާ ވާހަތައް ރައީސް އަޑުއަހާތީ އަދި އެއަށް އަމަލުކުރަމުން ދާތީ. މިއީ އެއްވެސް ސިޔާސީ ޕާޓީއަކުން ނޫނީ އެއްވެސް ހިސާބަކުން އައިސް ކުރަމުން ދާކަމެއް ނޫން. ނޫނީ އެއްވެސް އޮންލައިން ބޭފުޅެއްގެ ޕާސަން އެޖެންޑާތަކެއްވެސް ނޫން މީ،" އަޝްފާގު ބުންޏެވެ. 

ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބާއްވާ "ދުލެއް ނުކުރާނަން" ނަމުގައި ކުރިއަށްދާ މުޒާހަރާ މިރޭވެސް ވަނީ ބޯވާރެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ވާރޭވެހުނަސް އެ ސަރަހައްދު ދޫކޮށް ނުދާނެކަމަށާއި، ވާރޭއަށް ނުގުޑާނެކަމަށެވެ. މިއީ މި މުޒާހަރާ ކުރާ ފަސް ވަނަ ރެއެވެ.  

މި މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާމެދު އާންމުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވާފައެވެ. 

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާންޑު ކޮށްފައި ވަނިކޮށެވެ.

މިމަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، ޔުމްނު ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރޭ މެލޭޝިއާއަށް ގެންގޮސްފައެވެ.

ޔުމްނުގެ ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ، ރޭ ޓިކްޓޮކްގައި ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަކީ ޝެހެނާޒް މޫސާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޓިކްޓޮކް ހަރަކާތުގެ ތެރެއިން މިހާތަނަށް 565,501.21 ރުފިޔާ އަދި 11,015.95 ޑޮލަރު ހޯދިފައިވާއިރު، މުޅި ޖުމުލަ 735,367.16 ރުފިޔާ ހޯދިފައިވެއެވެ. މި ހަރަކާތާ ގުޅޭގޮތުން ޝެހެނާޒް މޫސާ ބުނީ މިއީ އޭނާ އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ މަސައްކަތް ކަމަށެވެ. އަދި އެންސް ޕާއިން ވެސް ވަނީ 25،000 ޑޮލަރު ޔުމްނުއަށް ދީފައެވެ. 

މި މައްސަލައިގައި ފުލުހުން ވަނީ ޔުމްނު ހިމެނޭހެން 9 މީހެއްގެ ފޯނި ހިފަހައްޓާރި މއ.މާންދޫގެ ދެކުނުގެ ޓެރަސް އާއި އެ ގޭގެ 2 އަދި 4 ވަނަ ފަންގިފިލާ އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ބަލައިފާސްކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް