ads
ދުލެއް ނުކާނަން މުޒާހަރާ ބޯވާރޭގެ ތެރޭގައި ކުރިއަށް ދަނީ:
ދުލެއްނުކުރާނަން މުޒާހަރާ ވާރެއަކަށް ނުގުޑާނެކަމަށް ބައިވެރިން ބުނެފި
ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި "ދުލެއްނުކުރާނަން" ނަމުގައި ކުރިއަށްދާ މުޒާހަރާ ބޯވާރޭގެ ތެރޭގައިވެސް ކުރިއަށް ގެންގޮސްފިއެވެ.
Advertisement

މި މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ވާރޭވެހުނަސް އެ ސަރަހައްދު ދޫކޮށް ނުދާނެކަމަށާއި، ވާރޭއަށް ނުގުޑާނެކަމަށެވެ. މިއީ މި މުޒާހަރާ ކުރާ ފަސް ވަނަ ރެއެވެ.

މެޓުން ވަނީ ކުއިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރައާއި އެކު ވައި ގަދަވާނެކަމަށް ބުނެފައެވެ. 

މި މުޒާހަރާ ލީޑުކުރާކަމަށް ބުނާ ދެ ޒުވާނުން ކަމަށްވާ އަހުމަދު އަޝްފާގް އަދި މުހައްމަދު އަމީން "ޖަވިޔަނި" ކިޔާ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެމީހުން މުޒާހަރާ ކުރަނީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ ގޭންގެއްގެ ނުފޫޒު އޮވެގެން ނޫންކަމަށެވެ. އަދި އެމީހުންނަށް ނުފޫޒުފޯރުވަން ގިނަބަޔަކު މަސައްކަތް ކުރިނަމަވެސް، އެ ނުފޫޒުތަކާ ދުރުވެ ޒުވާނުން މަސައްކަތް ކުރަމުން ދަނީ "ޕޮލިސް އިންޓަގްރިޓީ ފަދަ މުއައްސަސާތައް" ޒިންމާދާރު ކުރުމަށްކަމަށް އަޝްފާގު ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާތީ މުޒާހަރާކުރާ ޒުވާނުން ރައީސަށް ޝުކުރު ދަންނަވައިފިއެވެ. 

"އަޅުގަނޑުމެން ޝުކުރު ދަންނަވާލަން ބޭނުން އަޅުގަނޑުމެންގެ ރައީސްއަށް. އަޅުގަނޑުމެންނަށް ޑިމާންޑުތައް އެބަ ފުލްފިލްކޮށްދޭ. އެކަމުވެސް އަޅުގަނޑުމެންގެ ޑިމާންޑުތައް އަދިވެސް ހުރީ. ކޮމެޝަނެއްވެސް އުފައްދަދީފި ރައީސް،" އަމީން ބުންޏެވެ. 

ނަމަވެސް ކުރީ ސަރުކާރުތަކުންވެސް ކޮމިޝަންތައް އުފެއްދި ނަމަވެސް، އެ ކޮމިޝަންތަކަކީ އިތުބާރު ކުރެވޭ ފަދަ ކޮމިޝަންތަކެއްތޯ ސުވާލު ވެސް އުފެއްދިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، ޔުމްނު ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރޭ މެލޭޝިއާއަށް ގެންގޮސްފައެވެ.

ޔުމްނުގެ ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ، ރޭ ޓިކްޓޮކްގައި ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަކީ ޝެހެނާޒް މޫސާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޓިކްޓޮކް ހަރަކާތުގެ ތެރެއިން މިހާތަނަށް 565,501.21 ރުފިޔާ އަދި 11,015.95 ޑޮލަރު ހޯދިފައިވާއިރު، މުޅި ޖުމުލަ 735,367.16 ރުފިޔާ ހޯދިފައިވެއެވެ. މި ހަރަކާތާ ގުޅޭގޮތުން ޝެހެނާޒް މޫސާ ބުނީ މިއީ އޭނާ އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ މަސައްކަތް ކަމަށެވެ. އަދި އެންސް ޕާއިން ވެސް ވަނީ 25،000 ޑޮލަރު ޔުމްނުއަށް ދީފައެވެ. 

މި މައްސަލައިގައި ފުލުހުން ވަނީ ޔުމްނު ހިމެނޭހެން 9 މީހެއްގެ ފޯނި ހިފަހައްޓާރި މއ.މާންދޫގެ ދެކުނުގެ ޓެރަސް އާއި އެ ގޭގެ 2 އަދި 4 ވަނަ ފަންގިފިލާ އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ބަލައިފާސްކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް