
މޯލްޑިވްސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އާންމުކުރި މި އެސެސްމަންޓު ތައްޔާރުކޮށްފައިވަނީ ސަރުކާރު އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ކުންފުނިތައް ހިމެނޭ 30 އިދާރާއަކުން ނެގި ސާމްޕަލްތަކަށް ބިނާކޮށެވެ.
އެސެސްމަންޓުން ދައްކާގޮތުގައި، އިދާރާތަކަށް ހުށަހެޅޭ އާރްޓީއައިތަކުގެ ތެރެއިން ފުރިހަމައަށް ޖަވާބުދީފައިވަނީ އެންމެ 38 ޕަސަންޓު ހުށަހެޅުންތަކަށެވެ. އަދި ހޯދަން އެދުނު މައުލޫމާތު ފުރިހަމައަށް ލިބުނީ 45 ޕަސަންޓު ހުށަހެޅުންތަކަށް ކަމަށްވީނަމަވެސް، އެއީ ޖަވާބުދޭން ކަނޑައެޅިފައިވާ މުއްދަތަށްވުރެ ފަހުންނެވެ. ސަރުކާރު އިދާރާތަކުން ގިނަފަހަރަށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބުދިނުމަށްފަހު ހުށަހެޅުންތަކުގައި އެދިފައިވާ މައުލޫމާތު ފުރިހަމައަށް ދީފައިނުވާކަން ވެސް އެސެސްމަންޓުގައި ފާހަގަކޮށްފައިވެއެވެ.
މި އެސެސްމަންޓުގައި ރާއްޖެއަށް ލިބިފައިވަނީ އެކަކުން 0.56ގެ ދަށް ސްކޯއެކެވެ. އިދާރާތަކުގައި އާރްޓީއައި ތަންފީޒުކުރުމުގެ ޕްލޭނެއް ނެތުމާއި ހަރުދަނާ އޮންލައިން އިންފްރާސްޓްރަކްޗަރއެއް ނެތުން ފަދަ ގޮންޖެހުންތައް ހުރިކަން ފާހަގަކޮށްފައިވެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ހަމައެކަނި ގާނޫނުގެ ތެރެއިން އޮތުމުގެ ބަދަލުގައި، އަމަލީގޮތުން އެ ހައްގު ކަށަވަރުކުރުމަށް ސަރުކާރު އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އެއްބާރުލުން ބޭނުންވާކަން ވެސް އެސެސްމަންޓުގައި ފާހަގަކޮށްފައިވެއެވެ.